03 Feb 2013, 10:37
ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި މިހާރު ކުރިއަށްދާ އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޓީމުން ކާމިޔާބު ކޮށްފި އެވެ.
މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ކޯޓުގައި ރޭ ކުޅުނު މެޗް އެއާޕޯޓްސްގެ ޓީމުން ކާމިޔާބު ކުރީ އައިލެންޑް އޭވިއޭޝަންގެ ޓީމާ ބައްދަލުކޮށް 58 ޕޮއިންޓް 45 ޕޮއިންޓުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެއާޕޯޓްސް ކޮމްޕެނީ ޓީމުގެ ޒަކަރިއްޔާ އަބްދުލް ލަތީފެވެ. އޭނަ ވަނީ ރޭގެ މެޗުގައި އެއާޕޯޓްސްގެ ޓީމަށް 18 ޕޮއިންޓު ކާމިޔާބު ކޮށްދީފަ އެވެ.
ޖުމްލަ ފަސްޓީމް ވާދަކުރާ މުބާރާތުގައި މިރޭ 9:00 ޖަހާއިރު ބައްދަލުކުރާނީ ޕޮލިހާއި އެމްއެންޑީއެފް އެވެ.
މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ބާސްކެޓް ކޯޓުގަ އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަން އެވެ