03 Feb 2013, 10:10
މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 4.3 ޕަސެންޓް ކުރިއަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާކޮށްފި އެވެ.
އެމްއެމްއޭ އިން މިިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފަކުރެވެނީ 4.3 ޕަސެންޓަށް ކަމަށާއި އަދި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަން އިތުރުވުމާއި ދަތުރުފަތުރުތައް އިތުރުވުމާއި މުއާސަލާތީ ހިދުމަތްތަކުގެ އިތުރުން ވިޔަފާރިތައް ކުރިއަށް އޮތްތަނުގައި ކުރިއަރާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ބަލާ އިރު ދައުލަތަށް މިއަހަރުގެ އާމްމުދަނީއާއި ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 12608.9ރ. ކަމަށެވެ. އަދި ދައުލަތުގެ ޖުމުލަ ހަރަދާއި ނެޓް ލެންޑިންގް ގޮތުގައި 13973 މިލިއަން ރުފިޔާ ލަފާކޮށްފައިވާ އިރު މި އަހަރުގެ ބަޖެޓް ޑެފެސިޓް ވާނެކަމަށް ލަފާކޮށްފައި ވަނީ 1364.1 މިލިއަން ރުފިޔާ އަށެވެ. އެއީ ގައުމީ އުފެއްދުން ތެރިކަމުގެ ނިސްބަތުން ހަތަރު ޕަސެންޓެވެ.
"އެންމެ ފަހުގެ ސަރުކާރުގެ ކޭޝްފުލޯގެ ތަފާސް ހިސާބްތަކަށް ބަލާއިރު 2012 ވަނަ އަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަޖެޓްގެ ޑެފެސިޓް 2011 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ވަނީ ބޮޑުވެފައި،.. މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާ އިރު ހުސްވި ޑިސެމްބަރު މަހު ޓީބިލް ވިއްކަފައިވާ އަދަދު ވަނީ އިތުރުވެފައި." އެމްއޭއިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް އަށް ބަލާ އިރު 2013 ވަނަ އަހަރު ކަރަންޓް އެކައުންޓްގެ ޑެފެސިޓް 690.7 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 28 ޕަސެންޓް ކަމަށެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާ އެމްއެމްއޭ އިން ބުނީ 2011 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ވުރެ 2012 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް ފަތުރުވެރިކަމުގެ އެހެން މިންތަކުން ބަލާ އިރު އެމިންވަރު ދަށަށްގޮސްފައިވާ ކަމަށެވެ. އަދި 2012 ވަނަ ޑިސެމްބަރު މަހު ރާއްޖޭގެ މަނިޓަރީ ބޭސް ވަނީ މަހުން މަހަށް އަދި އަހަރުން އަހަރަށް އިތުރުވެފައި ކަމަށެވެ.