03 Feb 2013, 10:03
އިޓާލިއަން ސެރީއާގައި މިރޭ އުދިނޭސީ އާއި ދެކޮޅަށް އޭސީ މިލާން ކުޅޭ މެޗުގައި އެޓީމާއި އަލަށް ގުޅުނު މާރިއޯ ބަލޮޓެލީ އަށް ކުޅެވޭނެ ކަމަށާއި އެމެޗުގައި އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މިލާންގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ބަލޮޓެލީ އެނބުރީ އިޓަލީ އަށް އައިސް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. މެންޗެސްޓާ ސިޓީގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށް ފަހު މިލާނާއި ގުޅުނު ބަލޮޓެލީ އަކީ ރަނގަޅު ކުޅުންތެރިއެއް ކަމުގައި އެކްލަބުގެ ކޯޗް އަލެގްރީ ގަބޫލު ކުރެއެވެ.
"އޭނާ މިލާނާއި ގުޅުނީ މިދިޔަ ބުރާސްފަތި ދުވަހު. ފިޒިކަލީ ގޮތުން އޭނާ ހުރީ ފިޓްކޮށް. އޭނާ އަށް މިރޭގެ މެޗުގައި ކުޅޭނެތޯ ނުވަތަ ނޫންތޯ އަހަރެން މިއަދު ނިންމާނަން. އަހަރެން ގަބޫލުކުރާގޮތުގައި އޭނާ އަށް ޖިއަމްޕައޮލޯ ޕަޒިނީއާ އެކު މިލާންގެ ފޯވާޑް ލައިންގައި ހަރަކާތް ވެވިދާނެ." އަލެގްރީ ބުންޏެވެ.
މިލާނާއި ބަލޮޓެލީ ގުޅުމުން އެޓީމަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް އެކްލަބުގެ ކޯޗް ބުނެއެވެ. "ހަމަ ގައިމު ވެސް މިލާނާއި ބޮލޮޓެލީ ގުޅުމުން ގިނަ ފައިދާތަކެއް ވާނެ. އޭނާ މިކުލަބާއި ގުޅުނީ ގުޅޭ ހިތުން ރަނގަޅު ކުޅުމެއް ދައްކަން. އަދި ބަލޮޓެލީ ގުޅުމުން މިޓީމު އިތުރަށް ވަރުގަދަވެ ވާދަވެރިކަން އިތުރުވެގެން ދާނެ." އަލެގްރީ ބުންޏެވެ.
ބަލޮޓެލީ އައުމާއެކު މިލާންގެ ފޯވާޑް ލައިން ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. މިދިޔަ މަހު މިލާން ދޫކޮށް އަލެސެންދްރޯ ޕަޓޯ ދިޔަ ކަމުގައި ވިޔަސް އެޓީމްގެ ފޯވާޑް ލައިންގައި ޕަޒިނީ އާއި، ސްޓެފަން އެލް ޝާރަވީ އާއި ބޯޖާން އަދި އެމްބަޔޭ ނިއަންގް ހިމެނެއެވެ. މިހުރިހާ ކުޅުންތެރިންނަކީ ވެސް މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިންތަކެކެވެ.