03 Feb 2013, 10:01
ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުދި އައިސްޕްލާންޓް ގަތުމަށް އެދޭ ފަރާތްތަކަށް ދޫކުރާ، ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަތަރު އައިސްޕްލާންޓް ގާއިމުކުރުމަށް ދޫކުރާ ލޯނުގެ އަދަދަކީ 400،000 ޑޮލަރު (6.16 މިލިއަން ރުފިޔާ) އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އައިސްޕްލާންޓް ގަތުމަށް ދޫކުރާ ލޯނަކީ މަސްވެރިން ބާނާ މަސް ގަންނަ އުޅަނދު ފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން ތާޒާކަން މަތީ ބެހެއްޓުމުށް އައިސް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ފިޔަވައްސެއް ކަމަށެވެ. އެ މިނިސްޓްރީން ބުނީ ދޫކުރާ ލޯނު ބޭނުންކުރެވޭނީ ހަމައެކަނި އައިސްޕްލާންޓް ގާއިމުކުރުމަށް ގަންނަން ޖެހޭ މެޝިނަރީޒް އާއި ތަކެއްޗާއި އައިސްޕްލާންޓް ގާއިމު ކުރުމަށް ހޯދަން ޖެހޭ ޚިދުމަތްތަކަށް އަގުއަދާ ކުރަމަށް ކަމަށެވެ.
ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމް ސަރުކާރުގެ ރަސްމީ ގަޑިތަކުގައި ފިޝަރީޒް މިނިސްޓްރީންނާއި ބޭންކް އޮފް މޯލްޑިވްސްގެ ސެލްތަކުންނާއި ރާއްޖެތެރޭގެ ބްރާންޗްތަކުން ލިބެންހުންނާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
މާޗް 28ގެ 12:00 ހަމައަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބޭންކް އޮފް މޯލްޑިވްސްގެ ސެލްތަކުންނާއި ރާއްޖެތެރޭގެ ބްރާންޗްތަކުންނެވެ. އަދި ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމުތަކާއި އެ މުއްދަތު ނިމުމުން ވަޒަން ކުރުމަށް ފަހު ފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ އެ މުއްދަތަށް ފަހު ހުށަހަޅާ ޝަރުތުހަމަވާ ފޯމުތައް ވަޒަން ކުރާނީ ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެ ފަހު ތާރީޚަށް ފަހު ކަމަށެވެ. އެ ފޯމުތައް ވަޒަން ކުރުމަށް ފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.