ޕްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އަލުން ޔުވެންޓަސް އިން ފެނިދާނެ ކަމުގައި އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

ޔުވެންޓަސް ދޫކޮށް ސްވިޑަންގެ ބައިނަލްއަގްވާމީ ފޯވާޑް އިބްރަހިމޮވިޗް ދިޔައީ 2006 ވަނަ އަހަރު އެކުލަބަށް ދިމާވި ރިޝްވަތުގެ މައްސަލަތަކަކާއި ގުޅިގެން ރެލިގޭޓް ކޮށްލުމާއި ގުޅިގެންނެވެ. އަލުން ޔުވެންޓަސް އާއި އިބްރަހިމޮވިޗް ގުޅުމަކީ ނުވާނެ ކަމެއް ނޫން ކަމުގައި އޭނާގެ އެޖެންޓް ބުނެފައި ވެއެވެ.

"އިބްރަހިމޮވިޗް އަލުން ޔުވެންޓަސް އިން ފެނިދާނެތަ؟ އޭގެ ޖަވާބަކީ އެއީ ނުވާނެ ކަމެއް ނޫނޭ. ނުވާނެ އެއްވެސް ކަމެއް ނެތް. ޔުވެންޓަސް އިން އަލުން އިބްރަހިމޮވިޗް ފެނިދާނެ. އޭސީ މިލާނަށް މާރިއޯ ބަލޮޓެލީ ގުޅުނު ގޮތަށް އެކަމަކީ ވެސް ވެދާނެ ކަމެއް،" ރައިއޯލާ ބުންޏެވެ.

ޕީއެސްޖީ އާއެކު އުމުރުން 31 އަހަރުގެ އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން ހަމާވާނީ 2015 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ޔުވެންޓަސްގެ އިތުރުން އިބްރަހިމޮޗް ވަނީ އިޓަލީގެ އިންޓަމިލާނަށާއި އޭސީ މިލާނަށް ވެސް ކުޅެފަ އެވެ.