އިޓަލިއަން ސެރީއާގައި މިދިޔަ ހުކުރު ދުވަހު ކަގްލިއަރީ އާއި ދެކޮޅަށް ކުޅުނު މެޗުން 4-2 ލަނޑުން ރޯމާ ބަލިވުމާއެކު އެކްލަބުގެ ކޯޗު ޖެނެކް ޒޭމަން މަގާމުން ދުރުކޮށްފި އެވެ.

ފަހަކަށް އައިސް މި ސީޒަންގައި ރޯމާ ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އުމުރުން 65 އަހަރުގެ ކޯޗް ޒޭމަން އަށް ވަނީ ގިނަ ޕްރެޝަރުތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. މި ނަތީޖާތަކުގެ ސަބަބުން ރޯމާ އަށް ވަނީ ގިނަ ބަޔަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ.

ކަގްލިއަރީ އަތުން ހުކުރު ދުވަހު ރޯމާ ބަލިވުމާއެކު އެ ކުލަބުގެ ސަޕޯޓަރުން ސްޓޭޑިއަމް ބޭރުގައި ވަރުގަދަ މުޒާހަރާއެއް ކޮށްފައި ވެއެވެ. އެ މުޒާހަރާތަކާއި ގުޅިގެން ރޯމާގެ ޑިރެކްޓާރުންނާއި ފްރޭންކޯ ބަލްޑިނީ އާއި ވޯލްޓާ ސަބަޓީނީ އަދި އިޓާލޯ ޒަންޒީ ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ޒޭމަން މަގާމުން ދުރުކޮށް ރޯމާގެ ކޯޗުކަން ވަގުތީ ގޮތުން އޮރޭލިއޯ އަންދްރޭޒޯލީ އާއި ހަވާލުކޮށްފައި ވެއެވެ.

"އޭއެސް ރޯމާގެ ކޯޗުކަމުން ޖެނެކް ޒޭމަން ދުރުކުރުމަށް ކްލަބުން ނިންމައިފި. ކޯޗެއްގެ ގޮތުގައި ހުރެ ރޯމާ އަށް ކޮށްދިން ހުރިހާ ކަންތައްތަކަކަށް ކަލްބުން ޒޭމަން އަށް ޝުކުރު އަދާކުރަން. ވަގުތީ ގޮތުން ރޯމާގެ ކޯޗުގެ ޒިންމާ ނަގާނީ އޮރޭލިއޯ އަންދްރޭޒޯލީ." ރޯމާ އިން ނެރުނު ބަޔާނެއްގައި ވެއެވެ.

އިޓަލީ މީޑިއާތަކުން ބުނަމުންދާ ގޮތުގައި ރޯމާގެ ކޯޗުކަމާއި ދެން ހަވާލުވުން އެންމެ ގާތީ ލޯރެންޓް ބްލޭންކް ކަމަށެވެ. ބްލޭންކް އަކީ ޔޫރޯ 2012 ގައި ފްރާންސް ގައުމީ ޓީމްގެ ކޯޗުކަން އަދާކުރި ކޯޗެވެ. ޔޫރޯގެ ކުއާޓާ ފައިނަލުން ސްޕެއިން އަތުން 2-0 ލަނޑުން ބަލިވުމަށް ފަހު، ބްލޭންކް ވަނީ ފްރާންސް ގައުމީ ޓީމްގެ ކޯޗުކަމުން އިސްތިޢުފާ ދީފައެވެ.

އިޓާލިއަން ސެރީއާގައި ރޯމާ މިވަގުތު އޮތީ ތާވަލުގެ އަށްވަނާގަ އެވެ. މިސީޒަނުގައި ރޯމާ ކުޅުނު 23 މެޗުން އެކުލަބަށް ލިބުނީ 34 ޕޮއިންޓެވެ.