06 Oct 2010, 15:40
މިދިޔަ ހަފުތާގައި ހޯރަފުށީގައި މަރާލައި ފަޅުގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ހޯރަފުށީ ވިޔަފާރިވެރިޔާ އެރަށު ސީވިއު, ހުސެއިން މަނިކު، 61 (ހުސޭނުބޭ) މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރެއިން އެކަކު ލައްވާ މިއަދު މަރުގެ ހާދިސާ ތަމްސީލު ކުރުވައިފި އެވެ. އަދި ހުސޭނުބޭ މަރާލި ރޭ، އެމީހުން ދަތުރުކުރި މަގުތަކާއި ދިޔަ ތަންތަނަށް ގޮސް ތަހުގީގު ޓީމުން މައުލޫމާތު އޮޅުން ފިލުވައިފި އެވެ.
ހޯރަފުށީގެ އިސް ބޭފުޅަކު ސަން އެފްއެންމް އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވީ ހުސޭނުބޭގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަސް މީހުންގެ ތެރެއިން ތަހުގީގު ޓީމަށް މަރުގެ ހާދިސާ ތަމްސީލު ކޮށްދިނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު ސޯސަންވިލާ ނުއުމާނު އަބްދުﷲ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މިއަދު ހާދިސާ ތަމްސީލު ކުރުވުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު ނުއުމާނު އުޅޭ ގެއަށް ފުލުހުން، ނުއުމާން ގޮވައިގެން ގޮސް އެ ގެ ފާސް ކުރި އިރު ހަތަރު ވިއްސާރަ ކޯޓާއި ވަޅިއަކާއި މޫނު ނިވާކުރާ މާސްކެއް ފެނިފައިވާ ކަމަށާއި މި ތަކެއްޗަކީ ވެސް ހުސޭނުބެއަށް ހަމަލަ ދިނުމަށް ބޭނުން ކޮށްފަވާ ތަކެތި ކަމަށެވެ.
"ތަހުގީގު ޓީމުން ރޭ ހޯރަފުށީ ރައްޔިތުންގެ އިސް ފަރާތްތަކަށް މައުލޫމާތު ދިން އިރު ބުނެފައިވޭ މި ނުއުމާނަކީ ތަހުގީގުގައި އެންމެ ބޮޑަށް އެއްބާރުލުންދޭ ފަރާތް ކަމަށް. އަޅުގަނޑު ބަލަން ހުއްޓާ ނުއުމާނު ގޮވައިގެން ފުލުހުން ގޮސް މިއަދު ހުސޭނުބޭގެ (ވިއްސާރަ) ކުޑަވެސް ނެގި. އެ ކުޑައަކީ އެރޭ ފިހާރަ ބަންދުކޮށްފައި ގެއަށް ދިޔައިރު ހުސޭނުބޭ އަޅައިގެން ހުރި ކުޑަ،" އޭނާ ވިދާޅުވި އެވެ.
ސަންއެފް އެމް އޮންލައިންއަށް މައުލޫމާތު ދިން ބޭފުޅާ ވިދާޅުވީ ހުސޭނުބޭ އަތުން ފޭރިގަތް ފައިސާތަކުގެ ތެރެއިން ބޮޑު ބައެއް މިހާރު ހޯދާފައިވާ ކަމަށާއި އެ ފައިސާތަކުގެ ތެރެއިން އެއްބައި ފޮރުވާފައި ހުރީ ނުއުމާނުގެ ގޭގައި ގާ އަޅަން ހަދާފައިވާ ތަނެއްގެ ތަޅުންގަނޑު ކޮނެ އަޑީގައި ވަޅުލުމަށް ފަހު އޭގެ މަތީގައި ތަޅުން އަޅައިގެން ކަމަށެވެ.
"އަނެއްބައި ފައިސާ ހުރީ ރަށުގެ ހުޅަނގު ފަރާތަށް އެހެލާފައި ހުރި ބޯޓެއްގެ ތެރޭގައި. މީގެ އިތުރުން ވަތަނިއްޔާ އެންޓަނާ ދަނޑި ކައިރިން ވެސް ވަނީ އެއްބައި ފައިސާ ހޯދާފައި،" އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ އޮފީހުގައި ރަށުގެ އިސް ފަރާތްތަކާއެކު ތަހުގީގު ޓީމް ރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ތަހުގީގު ޓީމުން ބުނެފައި ވަނީ މިހާތަނަށް ބެލި ބެލުންތަކާއި ހެކިތަކާއި ފޮރެންސިކް ތަހުލީލުތަކުން ދައްކާ ގޮތުގައި ހުސޭނުބޭ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ އޭގެ ތެރެއިން ތިން މީހުން ކަމަށެވެ.