މިޔުނިކް (ފެބްރުއަރީ 3) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހުރިހާ އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ވެރިޔާ މުޢާޛުލްޚަތީބު ރަޝިޔާއާއި އީރާނުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފި އެވެ.

ރަޝިޔާއާއި އީރާނަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ ދެގައުމެވެ. މިއީ މިދެގައުމުގެ އިސްމަސްއޫލުވެރިންނާ ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ އިސްވެރިއަކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މުޢާޛުލްޚަތީބު ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާއި އީރާނުގެ ޚާރިޖީ ވަޒީރު ޢަލީއަކްބަރު ސާލިހީ އާ ބައްދަލުކުރެއްވީ ޖަރުމަނުވިލާތުގެ މިޔުނިކްގައި މިހާރު ކުރިޔަށްދާ ބައިނަލްއަޤްވާމީ އަމްނާބެހޭ މަހާސިންތާގެ އަރިމަތީގަ އެވެ. ރަޝިޔާ އިން ވަނީ ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް ޓަކައި އިންތިޤާލީ ވެރިކަމެއް އުފެއްދުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. ނަމަވެސް މި އިންތިޤާލީ ވެރިކަމުން ރައީސް ބައްޝާރުލްއަސަދު އިސްތިސްނާ ކުރުމަށް ރަޝިޔާ ތާއީދެއް ނުކުރެ އެވެ. އަނެއްކޮޅުން ބައްޝާރު ވެރިކަމުން ދުރުކުރުމަށް ގޮވާލެވޭ ބައިނަލްއަޤްވާމީ ގޮވާލުންތަކަށް ރަޝިޔާއާއި އީރާން ތާއީދެއް ނުކުރެ އެވެ. އަދި ރައްޔިތުންގެ އިންތިޚާބަކުން ނޫނީ މަޤާމުން އިސްތިއުފާ ދެއްވުން ނޫންގޮތަކަށް ބައްޝާރު ވެރިކަމުން ދުރުކުރުމާ އިދިކޮޅުހަދާކަން އީރާނުން ވަނީ ހާމަކޮށްފަ އެވެ.

މިޔުނިކްގެ މަހާސިންތާގައި ސޫރިޔާގެ އިދިކޮޅު ލީޑަރު ގެންދަވަނީ އެކިގައުމުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައި ސޫރިޔާގެ މައްސަލަ ޙައްލުކުރުމުގައި އެގައުމުތަކުގެ ޚިޔާލު ހުރި ގޮތް އޮޅުން ފިލުއްވަމުންނެވެ. މުޢާޛުލްޚަތީބު ބައްދަލުކުރެއްވި ހުޅަނގުގެ ލީޑަރުންގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ގިޑޯ ވެސްޓަރވެލީ ހިމެނިވަޑައިގަންނަވަ އެވެ. ބައިޑެންވަނީ ސޫރިޔާގެ ވެރިކަން ކުރެއްވުމަށް ބައްޝާރު ނުކުޅެދިވަޑައިގެންފައިވާ ކަމަށް ސިފަކުރައްވައި އޭނާ ވެރިކަމުން ދުރުކުރަން ޖެހޭކަން ހާމަކުރައްވާފަ އެވެ. (އަލްޖަޒީރާ)