03 Feb 2013, 09:17
އިންސާނާގެ ހަށިގަނޑަށް އެންމެ ބޮޑަށް ފައިދާލިބޭ ކަސްރަތުގެ ތެރޭގައި ފެތުން ހިމެނޭ ކަމަށް ކަސްރަތާ ބެހޭ ޖަރުމަނުވިލާތުގެ އިސް ތަޖްރިބާކާރެއް ކަމަށްވާ އިންގޫ ފަރްބޫޒާ ވިދާޅުވެއްޖެ އެވެ.
ފަރްބޫޒާ، ޖަރުމަނުގެ ނޫސްއެޖެންސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ފެތުމަކީ ހަށިގަނޑުގެ ތިރީ ބައެކޭ އެއްގޮތަށް ހަށިގަނޑުގެ މަތީބައިގެ މަސްތަކާއި ޓިޝޫތައް ވެސް ވަރުގަދަކޮށްދޭ އަދި ޒުވާންކަން ދަމަހައްޓައިދޭ ކަސްރަތެއް ކަމުގަ އެވެ.
ކުޑަވަގުތުކޮޅެއްގައި އެންމެ ގިނައިން ކެލަރީ އަންދަނީ ވެސް ރަނގަނޅަށް ފެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ފެތުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ފެނުގެ ސަބަބުން ހަމަށާއި ޓިޝޫ ތަކަށް ލިބޭ ޚާއްސަ ފައިދާތައް ވެސް ހިމެނޭ ކަމަށާ މިއީ އެހެން ކަސްރަތުތަކުން ލިބޭނެ ފައިދާއެއް ނޫން ކަމަށާއި ފެތުމުން ހަމުގައި ރޫޖެހުން ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެތުމުން އެދެވޭފައިދާ ލިބޭނީ ހަފްތާއަކު ތިންފަހަރު ކޮންމެ ފަހަރަކު މަދުވެގެން 30 މިނިއްޓާއި 45 މިނިއްޓު ވަރަށް ރަނގަނޅަށް ފަތައިގެން ކަމަށާއި ފަތާއިރު ވަރުބަލިވާ ވަރަށް ބާރަށް ފަތަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިގޮތަށް ފަތާ ނަމަ 30 މިނިއްޓުން 350 ކެލަރީސް އަންދާލެވޭނެ ކަމަށް ފަރްބޫޒާ ވިދާޅުވި އެވެ.
އެންމެ ރަނގަނޅު ކަސްރަތެއްގެ ގޮތުގައި ފެތުން ބެލެވެނީ ފެތުމުގެ ސަބަބުން ހަށިގަނޑުގެ ބާރުގަދަވެގެންދާތީ ދުވުމާއި ހިނގުމަށް ވުރެ ފެތުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުޅުތަކުގައި ރިއްސާ މީހުންނަށް ވެސް އެންމެ ފައިދާބޮޑު ކަސްރަތަކީ ފެތުން ކަމަށާއި ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ވެސް އެންމެ ރަނގަނޅު ކަސްރަތަކީ ފެތުން ކަމަށް ފަރްބޫޒާ ވިދާޅުވި އެވެ. (ޖަރުމަނު ނޫސްއެޖެންސީ)