03 Feb 2013, 09:08
އަހުމަދު އާޒިފް އަދި އަހުމަދު މަޖުތަބާ
ގއ. ކުނބުރު ކިޔާ ފަޅުރަކަށް އެ އަތޮޅު ގެމަނަފުށީ ބަޔަބު އިއްޔެ ދަރުހޮވަން ދިއުމުން އެ ރަށު ގޮނޑު ދޮށުން ފެނުނު ގަބުރު އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެ ހަލާކުވެ، ކަށިކޮޅަކަށްވެފަ އެވެ. ނަމަވެސް އެ ގަބުރުގެ ހަގީގަތްތަކެއް އިނގޭނެ ނިޝާންތަކެއް ފެންނަން އެބަހުއްޓެވެ. ގަބުރުގެ ހަށިގަނޑު ފޮރުވިފައި ވަނީ ބޮއިލަރުޝޫޓަކުންނެވެ. އެއީ އާންމުކޮށް ބޯޓުތަކުގެ އިންޖިނިއަރުން ލައިގެން އުޅޭއެއްޗަކަށްވުމުން، އެ މީހާއަކީ ބޯޓެއްގެ ފަޅުވެރިއަކަށްވެދާނެ އެވެ. އަދި ބޮލުން އަޅާފައި އޮތް ލައިފް ޖެކެޓުން ވެސް ހަގީގަތްތަކެ ބުނެދެ އެވެ.
ލައިފް ޖެކެޓްގައި ޖަހާފައި އޮތީ މީގެ ހަތަރު މަސްކުރިން ސްރީލަންކާގެ އިރުން ބޭރު ކަނޑަށް ބަންޑުން ޖަހާލި ވެއެޓްނާމްގެ މުދާ އުފުލާ "ސައިގޮން ކުއީން" ބޯޓުގެ ނަމެވެ. އެ ބޯޓުން ދަތުރު ކުރި 22 މީހުންގެ ތެރެއިން ހަތަރު މީހަކު ގެއްލިފައިވެ އެވެ. އެ މީހުންގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި ޗީފު އިންޖިނިއަރު ވެސް ހިމެނެ އެވެ.
ހުވަދު އަތޮޅުގެ އެންމެ ދެކުނަށް އޮންނަ ކަނޑުހުޅުދު އާއި ގެމަނަފުއްޓާ ދެމެދު އޮންނަ ކުނބުރު ކިޔާ ފަޅުރަށަކުން ގަބުރެއް ފެނިފައިވާއިރު މިދިޔަ އަންގާރަ ދުވަހު ގެމަނަފުށީ ދެކުނަށް އޮންނަ ކޮނޑޭވިލިނގިލިން ވެސް ވަނީ ގަބުރެއްގެ ބައިތަކެއް ފެނިފަ އެވެ. އެއީ ވެސް އެ އެ ބޯޓުން ގެއްލުނު މީހެއްގެ ހަށިގަނޑު ކަމަށް ބެލެވެ އެވެ.
މިވާހަކަތައް ބާރުދީ ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓާ ހަސަން ހަނީފު ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ އިއްޔެ ފެނުނު ގަބުރަކީ އަޑިއަށްދިޔަ ސައިގޮން ކުއީންގެ ފަޅުވެރިއެއްކަން ބެލެވިދާނެ ކަމަށެވެ. އެއީ އެ މީހާ ލައިގެން ހުރި އެއްޗެއްސާއި ކަރުގައި އަޅުވާފައި އޮތް ލައިފް ޖެކެޓުން އެކަމަށް ހެކިދޭ ކަމަށެވެ. ނަމަވެސް ފުލުހުންގެ ބަލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ މީހާގެ ހަގީގަތް ހޯދުމަށް ތަހުގީގީ ޓީމުތަކުން އަ އަތޮޅުގައި ހަރަކާތްތެރިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު ވިދާޅުވިގޮތުގައި އެ ފަޅުރަށަށް އިއްޔެ ދިޔަ މީހުންގެ ފަރާތުން ލިބުނު އެ މައުލޫމާތާ ގުޅިގެން ފުލުހުންނާއި ކައުންސިލްގެ ޓީމެއް އެރަށަށް ގޮސް ބެލިބެލުމުން އެމީހާ އަކީ އިންޑިއާ ކަނޑަށް ބަންޑުން ޖެހުނު ވިއެޓްނާމް ބޯޓުން ފެނުނު މީހާ ކަން ކަށަވަރުވާ ކަމަށެވެ. އަދި ދާދިފަހުން ކޮނޑޭވިލިނގިއްޔަށް ލައްގާފައި ވަނީ އެ ބޯޓުން ގެއްލުނު މީހެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
ސްރީލަންކާގެ ބޭރުން ދަތުރުކުރަމުން ދިޔަ އެ ބޯޓު މިދިޔަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުގެ މެންދުގެ ވަގުތެއްގައި ބަންޑުން ޖަހާލީ އިމްޖެންސީ ސިގްނަލްތަކެއް ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެ ބޯޓަކީ މިޔަންމާއިން ލަކުޑި ބަރުކޮށްގެން އިންޑިޔާގެ ޓުޓިކޮރިން އަށް ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ.
"ސައިކްލޯން ނިލާމް"ގެ ނަންދީފައިވާ ތޫފާނެއްގެ ވަރުގަދަ ކޮޅިގަނޑެއްގައި ޖެހި ބޯޓު ބަންޑުން ޖެހުމުގެ ކުރިން އެންމެފަހުން އެ ބޯޓުން ފޮނުވި އޭއައިއެސް ސިގްނަލް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 29 ވަނަ ދުވަހުގެ 10:20ގަ އެވެ. އަދި ކަނޑުގައި އުފެދިފައިވާ ބިޔަ ރާޅުތަކުން ސަލާމަތްވުމަށް ދުވެލިމަޑުކޮށްފައިވާ ކަމުގެ ސިގްނަލް ވެސް ފޮނުވާފައިވެ އެވެ.
ބޯޓު ބަންޑުން ޖަހާލާފައި ވަނީ ބޯޓުގައި ހުރި މުދާތައް ރާޅުގެ ސަބަބުން އެއް ފަރާތަކަށް ޖެހި ބޯޓު އަރިއަޅާލުމުން ކަމަށް ވެއެވެ. އަދި އެ ހަބަރު ލިބުމާއެކު ސްރީލަންކާގެ ރެސްކިއުޓީމަކާއި، އެމެރިކާގެ ނޭވީ އާއި އިންޑިއާގެ އެމްއާރުސީސީ އިން ގުޅިގެން އެބޯޓުގައި ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައި ވެއެވެ.
ބޯޓުން ދަތުރުކުރި 22 ފަޅުވެރިންގެ ތެރެއިން 3 ފަޅުވެރިޔަކު ބަލްކުކެރިއާ "ޕެސިފިކް ސްކިޕާ" އިން ސަލާމަތް ކޮށްފައިވާ އިރު އޭގެތެރެއިން 15 މީހަކު ލައިފް ކުރާފްޓްގައި ސަލާމަތް ވެފައި ވެއެވެ. އަދި އޭގެތެރެއިން ގެއްލިފައިވާ 4 މީހުންގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ހިމެނޭ އެވެ.
http://www.odin.tc/pics/saigonqueen.jpg