ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ގިނަ އަދަދެއްގެ ބައުންސް ޗެކްތަކެއް ތިޖޫރީގައި ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ "ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ބަލައިގަނެ އެ ޑިޕާޓްމެންޓްގެ ތިޖޫރީގައި ފޮރުވާފައި ހުރި އެ ޗެކްތަކަކީ އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުގެ ނަމުގައި ގެނެސްފައިވާ ހުރި ބައުންސް ޗެކްތަކެއް ކަމަށާއި އެ ޗެކްތަކުގެ ޖުމްލަ އަދަދު 800،000 ރ. އަށް އަރާ ކަމަށެވެ.

އޭނާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެ ޗެކްތައް ހުރީ ވަރަށް ބޮޑަށް ފޮރުވާފައި ކަމަށާއި އެކަން ހާމަވީ ދާދި ފަހުން އެތަނަށް ވެއްދި މީހެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް ކޮންޓްރޯލާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ ޗެކްތައް ފެނުމާ ގުޅިގެން އެކަން މިހާރު ވާނީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި އޭސީސީ އަށް ވެސް އަންގާފައި ކަމަށެވެ. އަދި އެ މައްސަލަ މިހާ ދުވަސް ވަންދެން ނުބެލި އޮތީ ކޮން ސަބަބަކާ ހުރެ ކަމެއް ވިދާޅުވާން ނޭނގޭ ކަމަށާއި ނަމަވެސް އޭސީސީން މިހާރު އެ މައްސަލައިގައި ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

"މި މައްސަލަ އަކީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ތިޖޫރީގައި ހުރި އިންޑިވިޖުއަލް މީހުންނާއި ކުންފުނީގެ ނަމުގައި ގެނެސްފައި ހުރި އަށް ލައްކަ ރުފިޔާގެ ބައުންސް ޗެކް. މިއޮތް ހުރިހާ ދުވަހު އެ ހުރީ ފޮރުވާފައި. އެހެން އޮއްވާ އިހަކަށްދުވަހު އެތަނަށް ވެއްދި މީހެއްގެ ސަބަބުން އެ ފެނުނީ. ދެން އަޅުގަނޑުމެން އެކަން މިހާރު ވާނީ އޮޑިޓާ ޖެނެރަލް އަށާއި އޭސީސީއަށް ވެސް އަންގާފައި. އޭސީސީން މިހާރު އައިސް އެ މައްސަލަ އެބަ ބައްލަވާ. މި ޑިޕާޓްމެންޓްގެ ތެރޭގައި އެބަހުރި އެކަހަލަ ބައެއް ކަންތައްތައް. އެކަން އޭސީސީން ބައްލަވާފައި ހާމަ ކުރައްވާނެ،" ކޮންޓްރޯލާ ވިދާޅުވި އެވެ.

އެ މައްސަލައާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ބައުންސް ޗެކްގެ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާން އޮންނަ އިރު އެކަން ނުކޮށް އިމިގްރޭޝަންގެ ތެރޭގައި ބައުންސް ޗެކްތަކެއް ބަހައްޓައިގެން އެތަނުގެ މުވައްޒަފުންތަކެއް ތިބި މައްސަލައެއް ބެލުމަށް މިދިޔަ އަންގާރަ ދުވަހު އޭސީސީން އިމިގްރޭޝަންގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން ހޯދަން ބޭނުންވާ މުހިއްމު މައުލޫމާތުތައް ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ބައުންސް ޗެކްގެ މައްސަލައިގެ އިތުރުން ވެސް އެންސީއައިޓީން ދާދި ފަހުން ތައާރަފްކުރި ސޮފްޓްވެއާއިން އޮންލައިން މެދުވެރިކޮށް ވިސާފީ ދެއްކުމާއި ބިދޭސީންނާ ގުޅޭ ކަންކަން ކުރެވޭން ހުރި އިރު ވެސް އިމިގްރޭޝަން ޑިޕާޓްމެންޓްގެ ތެރޭގައި އެކަން ކުރާން ތިބި ބަޔަކު ބައެއް ފަރާތްތަކުން ފޮނުވާ ރިކުއެސްޓްތައް ޕްރޮސެސް ނުކޮށް އެތައް ދުވަހެއް ވާންދެން ބަހައްޓަމުން ދާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ލުތުފީ ވިދާޅުވި އެވެ.