ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފުޅާކޮށް ބަޔާންކޮށްފައި ވެ އެވެ. މަގުތައް ހެދުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމާއި މާލޭ ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި ތަރައްގީކޮށ، ގާނޫނުގައިވާ ގޮތުގެ މަތިން ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަކީ ވެސް، ގާނޫނީ ގޮތުން ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.

ސިޔާސީ ޖަޒުބާތުގައި މެޖޯރިޓީ ބޭނުންކޮށްގެން ވަކިބަޔަކަށް ފައިދާވާނެ ގޮތަށް ނުވަތަ ވަކި ބަޔެއްގެ މަސްލަހަތުގައި މަސައްކަތްކުރުމަކީ ކައުންސިލްތަކުގެ އިހުތިސާސްގައި ވާކަމެއް ނޫން ނެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންގެ އަމަލުތަކުންނާއި އަދި ފަހަކަށް އައިސް މާލޭ ސިޓީގެ މޭޔަރުގެ ބަސް ހުރިގޮތުން އެ ކައުންސިލަކީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ތިބި ބައެއް ކަމާ މެދު ސުވާލު އުފެދެއެވެ.

އެގާރަ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ނުވަ މެމްބަރުން ހިމެނިވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން މަސްއޫލިއްޔަތަށް ވުރެ ބޮޑަށް މިހާރު ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އެ ކަންކަމުން ސަލާމަތް ނުވެވި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ވުރެ ވަކި ޕާޓީއަކަށް ހިދުމަތް ކުރުމުގައި އަވަދި ނެތިފައިވާ ތަން އެބަފެނެއެވެ. ހާއްސަކޮށް އެމްޑީޕީގެ ވެރިކަން ވެއްޓުމާއެކު މާލޭ ސިޓީ ކައުންސިލް ވެގެންދިޔައީ އެމްޑީޕީގެ މަސްލަހަތު ހިފަހައްތާ ތަނަކަށެވެ. ވެރިކަން ބަދަލު ވުމާ ގުޅިގެން އުފެދިފައިވާ ރުޅިވެރިކަމުގެ ތެރޭގައި އިހުތިސާސުން ބޭރުން އެތައް މަސައްކަތްތަކެއް ކުރަމުންދިޔަ ކަން ފާހަގަކޮށްލެވެއެވެ.

އޭގެތެރެއިން އެއްކަމަކީ ގިނަ ޕާޓީތަތަކަކުން ޕާޓީގެ ހަރަކާތްތައް ހިންގާން މާލޭގެ ބިމަށް އެދުނު ނަމަވެސް އެހުރިހާ ޕާޓީއެއްގެ އެދުންތަކަށް "ބީރުކަންފަތެއް" ދިނުމަށް ފަހު ހަމަ އެކަނި އެމްޑީޕީގެ މަސްލަހަތަށް ބަލާފައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް މާލޭއިން ބޮޑު ބިމެއް ދިނުމެވެ. އަދި ހައިރާން ކުރުވަނިވި އަނެއްކަމަކީ ދަރުބާރުގޭގެ ދެކުނުން އޮންނަ އުސްފަސްގަނޑު ސަރަހައްދު އެމްޑީޕީއަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ދީފައިވަނިކޮށް އެ ބިން ނެގުމަށް އެންގުމުން އެ މައްސަލަ މާލޭ ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައި ކޯޓުން ވަކި ގޮތަކަށް ނިންމަންދެން އެތަން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އެ ކޯޓުން އަމުރެއް ނެރެ އެބިމާ ފުލުހުން ހަވާލުވުމުން އެކަމާގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ދެއްކެވި ވާހަކަފުޅެވެ.

އުސްފަސްގަނޑު ސަރަހައްދާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހަވާލުވުމުން މިދިޔަ ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އަލިބެ ވިދާޅުވީ އެއްތަ ނެއް ނަގާ އިރަށް އަނެއްތަނަކަށް ޖެހިލާނެ ކަމަށާއި މާލެސިޓީގެ 32 ބިން އެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ވުމުން އުސްފަސްގަނޑު އަތުލާއިރަށް އެހެން ބިމެއް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ.

"މިތަން (އުސްފަސްގަނޑު) އަތުލާއިރަށް އަޅުގަނޑުމެން ހުއްދަ ދޭނަން އެހެން ސަރަހައްދަކުން، އެއީ ތިޔަ ލޮބުވެތި ރައްޔިތުންނަށްޓަކައި، އަޅުގަނޑު ބޭއނުމެއް ނޫން ރާއްޖޭގެ ރައްޔިތުން ހަލާކުވެގެންދާކަށް،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުގެ މޭޔަރު ވިދާޅުވި އެވެ.

އަލިބެ އެ މޭރުމުން ވާހަކަފުޅު ދެއްކުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ގިނަ ބައެއްގެ ހާއްސަކޮށް ސިޔާސީ ގިނަ ފަރާތްތަކުގެ ފާޑު ކިއުންތައް ރައްދުވެގެން ދިއުމެވެ. ސިޔާސީ ފާޑުކިޔުންތެރިން އެންމެ ބޮޑަށް މާލޭ ސިޓީ ކައުންސިލް ސިފަކޮށްފައިވަނީ ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ކައުންސިލް ކަމުގައި ވިޔަސް އެ ކައުންސިލަކީ ރައްޔިތުންގެ އަޑެއް ނާހާ ނުވަތަ ރައްޔިތުންގެ ވިސްނުމާއި ހައްގުތަކަށް ނުބަލައި ވަކި ޕާޓީއެއްގެ މަސްލަހަތުގައި ކޮންމެ ފަދަ ގުރުބާނީއެއް ވާންވީ ނަމަވެސް ތައްޔާރަށް އޮތްބައެއްގެ ގޮތުގައެވެ.

ސަރުކާރާ ގުޅިފައިވާ ބައެއް ފަރާތްތައް ސިފަ ކުރާ ގޮތުގައި ސިޓީ ކައުންސިލްގެ ހުރިހާ ނިންމުންތަކެއް ނިންމުމުގައި ވެސް ވިސްނާފައި ހުންނަނީ އެމްޑީޕީއަށް ފައިދާ ކުރާ ގޮތަށެވެ. ހާއްސަ ގޮތެއްގައި އެމްޑީޕީގެ ސަރުކާރު ވެއްޓުމަށްފަހު އެކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެހެން ކައުންސިލްތަކަށް ނަމޫނާއަކަށް ވާންޖެހޭ މާލޭ ސިޓީ ކައުންސިލް ވަނީ ގާތްގަނޑަކަށް ފޭލިވެފަ އެވެ.

މޭޔަރު އަލިބެ ވާހަކަފުޅަށް ރައްދު ދެއްވައި ޑީއާރްޕީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ދައުލަތުގެ މުދަލާއި ބިންތަކަކީ ހުރިހާ ރައްޔިތުންނަށް ނިސްބަތް ވާ ތަންތަން ކަމަށް ވާ އިރު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެތަންތަނަށް ބޭނުން ހާ ގޮތެއް ހަދައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ޕާޓީތަކުން ވެސް ސިޔާސީ ހަރަކާތް ހިންގަން ބިން ބޭނުން ވެގެން ކައުންސިލްގައި އެދުމުން ނުދެވޭނެ ކަމަށް ވިދާޅުވެފައި އެމްޑީޕީގެ ހަރަކާތްތަކަށް ބިން ދޭނެ ކަމަށް ވިދާޅުވުމަކީ ސީދާ ކޮރަޕްޝަނަށް މަގުފަހި ވާނެ ކަމެއް ކުރައްވަން ގޮވާ ލެއްވުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ވަކި ބަޔަކަށް ވަކި ގޮތެއް ނުހަދައި ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާ އެކު ދައުލަތުގެ މުދަލާއި ބިންފަދަ ތަންތަން ބޭނުން ކުރުމަށް ބުނެފައި ވީ ނަމަވެސް އެކަމާ ސީދާ ދެކޮޅަށް މާލޭ ސިޓީ ކައުންސިލުން ހިންގަމުންދާ އަމަލުތަކަށް އަވަސް ހައްލެއް އެބަ ބޭނުންވެއެވެ. އެހެން ނޫން ނަމަ މި ގައުމަކީ މިހާރަށް ވުރެ ބޮޑަށް ސިޔާސީ ޕާޓީއަކަށް މެޖޯރިޓީ ލިބޭ ތަނެއް އެމީހުންގެ މިކްކަކަށް ހަދަމުން ދާނެ ތަނަކަށް ވާކަށް ދުރެއް ނުވާނެ އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާ ކަމުގައިވާ އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ރައީސް ހަސަން ލުތުފީ، މޭޔަރުގެ ވާހަކަޔާ ގުޅިގެން ވިދާޅުވީ ވަކިބަޔަކަށް ފައިދާވާނެގޮތަކަށް ސިޓީ ކައުންސިލްއަކުން މަސައްކަތްކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ހައުސިން މިނިސްޓްރީގެ ފަރާތުން ސިޓީ ކައުންސިލާ ބިން ހަވާލު ކުރި އިރު ވެފައިވާ އެއްބަސްވުމާ ވެސް ހިލާފްކަމެއް ކަމަށެވެ. އަދި އެފަދަ މޭރުމަކުން ވާހަކަ ދައްކަން މާލޭސިޓީގެ މޭޔަރު ލަދު ގަންނަންޖެހޭނެ ކަމަށާއި އެމައްސަލަ ބަލާނެކަމަށް ލުތުފީ ވިދާޅުވިއެވެ.

"ދުނިޔޭގަ ތަހުޒީބު ވެފައިވާ ހުރިހާ ހިސާބުތަކުގައި ވެސް ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީތަކުން އަމަލުކުރާ ތަހުޒީބީ ގޮތްތައް އެބަހުރި އެގޮތަށް އަމަލު ނުކޮށް ނުކުމެވަޑައިގެން ޑިމޮކުރަސީއޭ ބުނަން ލަދުގަންނަން ޖެހޭނެ، އަޅުގަނޑު ހަމަ ހައިރާންވެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އެގޮތަށް ވާހަކަފުޅުދެއްކެވީމާ" ލުތުފީ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަ ހުއްޓުވަން މަސައްކަތްކުރާ އޭސީސީގެ ބަސް އެގޮތަށް ހުރިއިރު ކައުންސިލްތައް ޒިންމާދާރު ކުރުވަން އޮތް އަދި ކައުންސިލްތަކުގެ ބެލެނިވެރިއާ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސް ޝުޖާއު ހުސައިންއާ އެމައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ ހުރިހާ ކައުންސިލްތަކުން ވެސް ސަރުކާރުން ވެސް އަމަލުކުރަންޖެހޭނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށާއި އެއީ ސިޔާސީ ޕޯޑިއަމްއެއްގައި ދައްކާފައިވާ ވާހަކައެއްކަމުން އެމައްސަލައިގައި އޭނާ އެއްޗެކޭ ބުނަން ބޭނުން ނުވާ ކަމަށެވެ.

ސިޓީ ކައުންސިލުން އެމްޑީޕީގެ ހިމާޔަތުގައި މިހާތަނަށް ކޮށްފައިވާ ކަންކަމަށް ބަލާއިރު މާލޭގެ ގިނަ ބަޔަކު ހިތްފަސޭހަ ކޮށްލަން އޮތް ރާޅުގަނޑު ސަރަހައްދު ދިގު މުއްދަތަކަށް އެމްޑީޕީއަށް ދިނުމާއި އުސް ފަސްގަނޑު ސަރަހައްދު ދިނުމާއި އެމްޑީޕީގެ ހެވަތުގައި ފާޅުގައި ބައެއް ކަންކަމުގައި މައި ސަރުކާރާ ޖަދަލު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށާއި އެޕާޓީގެ އެކިއެކި ޕްރެސް ކޮންފަރެންސްތައް ރާވައި ދިނުމާއި އެކަން ކަމަށް ކައުންސިލުން ވަސީލަތްތަކާއި ތަންތަން ދޫކުރުމާއި އެމްޑީޕީގެ އިންތިހާބުތަކުގެ ވޯޓު ލާން ކައުންސިލުގެ ހޯލު ދޫކުރުން ހިމެނެ އެވެ.

ސިޓީ ކައުންސިލަކީ އެމްޑީޕީގެ ހިމާޔަތުގައި އޮންނަ ބައެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އިރު މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ދެކެ ވަޑައިގަންނަވާ ގޮތުގައި ސިޓީ ކައުންސިލް ސިޔާސީ އެއް ނުވެއެވެ. އެ ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ބަރާބަރަށް ފޯރުކޮށްދެމުން ދެއެވެ. އަދި އެއްވެސް ޕާޓީއަކަށް ނުބަލައި ހުރިހާ ޕާޓީ ތަކަށް ވެސް ހަމަހަމަގޮތުގައި އެ ކައުންސިލުގެ ތަކެތި ބޭނުންކުރެވޭނެ އެވެ.

މާލޭގެ ސިޓީ ކައުންސިލު ސިޔާސީ ކަންކަމުގެތެރެއަށް ގެއްލި އެމްޑީޕީގެ ދިފާއުގައި މަސައްކަތްކުރާކަމަށް ތުހުމަތުކުރެވި އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ބަސް އެމްޑީޕީއަށްޓަކައި އެހެން ފަރާތްތަކަށް ނުދޭ ހުއްދަތައް ދޭނެ ކަމަށް ވިދާޅުވަމުން އަންނަ އިރު އެއިން ހާމަ ވާ އެއްޗަކީ މާލޭ ސިޓީ ކައުންސިލު ވަނީ މިސްރާބު އޮޅި ކޮޅު ބެދިފައި ކަމެވެ. އަދި އެއީ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށްވުރެ އަމިއްލަ ޕާޓީގެ މަސްލަހަތުގައި މަސައްކަތްކުރާ ބައެއް ކަމެވެ.