މާލޭ ސަރަހައްދުގައި 12،000 ފްލެޓް އަޅައިފި ނަމަ އެ ފުލެޓް ތަކަށް ވަންނަން ތިބި މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ އާމްދަނީއެއް ހޯއްދަވައި ދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އަބްދުﷲ ޔާމިން މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމިންގެ "ޔަގީން" ޓީމަށް ތާއީދު ކުރާ ޒުވާނުން އިސްނަގައިގެން ޔާމިން 2013ގެ ނަމުގައި ހ. ސަންގައި ޒުވާނުންގެ ޖަގަހަ ރަސްމީކޮށް ހުޅުވާ ދެއްވުމަށް ފަހު ޔާމިން މިރޭ ދެއްކެވި ވާހަކަފުޅުގައި މާލެ ސަރަހައްދުގައި 12،000 ފުލެޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އަލިއަޅުއްވާލެއްވި އެވެ.

ޔާމިން ވިދާޅުވީ 12،000 ފްލެޓް އަޅާދީފައި އެ ފްލެޓް ތަކަށް ވަންނަ މީހުންނަށް ކުލި ދައްކާނެ ފައިސާ ހޯދާނެ ގޮތެއް ނެތް ކަމަށް ވިދާޅުވާނަ އެކަން ކުރައްވާނީ އެމަނިކުފާނާ އެކު މަސައްކަތްކުރާ ޔަގީން ޓީމުން ކަމަށެވެ.

އޭނާ ވިދާޅުވީ ފްލެޓުތައް އިމާރާތްކޮށް އާމްދަނީ ނުލިބޭ ބަޔަކަށް ކުއްޔަށްދީގެން ދާއިމީ ގޮތެއްގައި އެ ތަނުގައި އެ މީހުން ބޭއްތިއްބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ މުޅި އަމާޒަކީ ރާއްޖޭގެ އިގްތިސޯދު ވަރުގަދަކޮށް، މިހާރު ބޮލަކަށް ޖެހޭ 5000 ޑޮލަރުގެ ބަދަލުގައި އެ އަދަދު 10،000 އާއި 15،000 ދެމެދުގެ އަދަދަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހައްދަވާނެ ކަމަށާއި އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނީ ހަމަ އެކަނި ތިޔަރީ އަށް ބިނާކޮށްގެން ނޫން ކަމަށާއި، އެކަން ކުރައްވާނީ މީގެ ކުރީ ސަރުކާރުތަކުގައި ވެސް މަސައްކަތްކޮށް ތަޖުރިބާ ހުރި ޓީމެއްގެ ފަރާތުން ކަމަށެވެ.

"ހަމަ އެކަނި ދައުލަތުގެ ބަޖެޓުން ނުވަތަ ކޮންމެ ވެސް އެގްޒިމް ބޭންކަކުން 12000 ފުލެޓް އަޅާދީފައި އެ 12000 ފްލެޓަށް ވަންނަ މީހުންނަށް ކުލި ދެއްކޭނެ ގޮތެއް ނުވަތަ އާމްދަނީ ހޯދޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވާ ނަމަ އަޅުގަނޑު ދަންނަވާނީ އަޅުއްވާ ދެއްވާށޭ. އެ ޒުވާނުންނަށް ކުލި ދެއްކޭނެ ގޮތް ހަދައިދޭނީއޭ. އެކަން ކުރާނީ ސަރުކާރުގެ އިގްތިސޯދީ އެޖެންޑާ ވަރުގަދަކޮށްގެން ޔާމިނާ އެކު މަސައްކަތްކުރާ ޔަގީން ޓީމުގެ ފަރާތުން ޔާމިންއޭ،" ޔާމިން ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖެއިން ތެޔޮ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވުމުން ސިޔާސީ ފަރާތްކުން އެކަމަށްފާޑުކިޔައި ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވައި ޔާމިން ވިދާޅުވީ ރާއްޖެ އިން ތެޔޮ ފެނޭތޯ ނިންމާނީ އެ ކަމުގެ ތަޖްރިބާކާރުންގެ ތަހުލީލުތަކުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ތެޔޮ ހުރި ކަމަށް ދަލީލުތަކުން ދައްކާ ކަމަށާއި، އެހެން ކަމުން އެކަން ކުރަން މިހާރު އެބަ ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިގްތިސޯދީ ގޮތުން ވެސް އެ މަސައްކަތް ކުރެވޭ ވަރަށް ރާއްޖެ ކުރިއަށް ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު ތެލުގެ ވާހަކަ ދެއްކީމަ ސިޔާސީ ޕޯޑިއަމްތަކުގައި މިކަން ނުވާނޭ ބުނުން ނުވަތަ ގޭގޭގެ ގިފިލިތަކުން ވަޅު ޖަހާލީމަ ތެޔޮ އަރާ ކަމަށް ބުނުން އެއީ ހަގީގަތުގައި ވެސް ކަންކަމައިގެން ކުރިއަށް ދާން ނުކެރޭ މީހުން ދައްކާ ފިނޑި ވާހަކަ. މިއީ އަޅުގަނޑުމެން މީގެ ކުރީގައި ކޮށްފައި ހުރި މަސައްކަތްތައް. ތެލަކީ ހަމަ އެކަނި ކްރޫޑް އޮއިލްގެ ވާހަކައެއް ނޫން. ތެލަކީ ހައިޑްރޯ ކާބަން ނެޗުރަލް ގޭސް ހުރިހާ އެއްޗެއް ހިމެނޭ ގޮތުން. މިކަން ނިންމާނީ ކަނޑުގެ އަޑީގައި ކުރެވޭ ތަހުލީލު ތަކުން. ސިޔާސީ މީހުން ސިޔާސީ ޕޯޑިއަމްތަކުގައި ތެލެއް ނުހޯދޭނޭ ބުނުމަކީ މީގެ ހައްލެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޒުވާނުންނަށް އިޝާރާތް ކުރައްވާ ޔާމިން ވިދާޅުވީ ރާއްޖޭގައި މަސްތުވާ ތަކެތީގައި ޖެހޭ ޒުވާނުންނަށް ބޮވެން ޖެހޭނޭ ބުނުމުގެ ބަދަލުގައި އެ މީހުންނަކީ ރިހެބިލިޓޭޓް ކުރަން ޖެހޭ ބައެއް ކަމަށް ޕީޕީއެމުން ގަބޫލް ކުރާ ކަމަށެވެ. އަދި މަސްތުވާ ތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކޮށް މުޖުތަމައު އަށް ބޭނުން ހިފޭ ބައެއްގެ ގޮތުގައި އަނބުރާ އިޔާދަ ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ ޒުވާނުންނަށް މިއަހަރު ކަނޑަ އަޅާފައި އޮތް ބަޖެޓަކީ 60 މިލިއަން ކަމަށް ވާނަމަ ޕީޕީއެމްގެ ވެރިކަމެއްގައި ޔަގީން ޓީމުން އެ އަދަދު ފަސް ގުނަ އިތުރުކޮށް 300 މިލިއަނަށް އެ އަދަދު އިތުރު ކުރުމަކީ ފަސޭހަ ކަމެއް ކަމަށެވެ.

މިރޭގެ ޖަލްސާގައި ޔާމިންގެ ޔަގީން ޓީމަށް ތާއީދު ކުރާ 350 ށް ވުރެ ގިނަ ޒުވާނުން ޕީޕީއެމްއާ ގުޅުނު ކަމަށް އެ ޕާޓީން ބުންޏެވެ. އަލަށް ޕީޕީއެމްއާ ގުޅުނު ޒުވާނުންގެ މެމްބާޝިޕް ފޯމްތަކާއި ހަވާލުވެ ލެއްވީ ޔާމިން އެވެ.