02 Feb 2013, 21:03
ވޮޝިންޓަން (ފެބްރުއަރީ 2): އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ ގާނޫނީ ހުވާ ޖޯން ކެރީ ކުރައްވައިފި އެވެ. އުމުރުން 69 އަހަރުގެ ކެރީ މަގާމުގެ ޤާނޫނީ ހުވާ ކުރެއްވީ ކޮންގްރެސްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ހެޑްކުއާޓަރު ގަ އެވެ.
ހުވާކުރެއްވީ އެމެރިކާގެ ދަސްތޫރީ ކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ކެރީ ޢައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. އެނާ އަށް ސެނެޓުން ރުހުން ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ. މަޤާމުގެ ހުވާކުރެއްވީ އިއްޔެއެވެ. ކެރީއަކީ އެމެރިކާގެ ޖުމްހޫރިއްޔާގެ 68 ވަނަ ޚާރިޖީ ވަޒީރެވެ. އޭނާ ވަނީ ވިއެޓްނާމް ހަނގުރާމައިގާ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ސެނެޓްގެ މެންބަރެއްގެ ގޮތުގައި އޭނާ ޙަރަކާތްތެރިވެ ވަޑައިގަންނަވާތާ މިހާރު ވަނީ 28 އަހަރު ވެފަ އެވެ. އެމެރިކާގެ ވުޒާރާތަކުގެ ތެރޭން ޚާރިޖީ ވުޒާރާއަކީ އެންމެ މުވައްޒަފުން ގިނަ އެއް ވުޒާރާ އެވެ.
އެވުޒާރާގައި 70 ހާސް މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި ބޭރުގައުމުތަކުގައިވާ އެމެރިކާގެ އެންބަސީތަކާއި ކޮންސިއުލޭޓްތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގެ މުވައްޒަފުން ވެސް ހިމެނެ އެވެ. ހަމަޖެހިފައިވާ ގޮތުން މާދަމާ ކެރީ ޚާރިޖީ ވުޒާރާގެ ޢިމާރާތަށް ވަޑައިގަންނަވާނެ އެވެ. އަދި އެވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ތަޢާރަފްވެ ވަޑައިގަތުމުގެ ތަޤްރީރެއް ދެއްވާނެ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގައި ކުރިން ހުންނެވި ހިލަރީ ކްލިންޓަން އިއްޔެވަނީ ރަސްމީގޮތުން އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު ހިލަރީ ވަނީ އެވުޒާރާގެ މުވައްޒަފުންނަށް އަލްވަދާޢު ވިދާޅުވެ އެވުޒާރާގެ ޢިމާރާތުން ރަސްމީކޮށް ނުކުމެވަޑައިގެންފަ އެވެ.
ހިލަރީވަނީ އެމެރިކާގެ އައު ޚާރިޖީ ވަޒީރު ޖޯން ކެރީއަކީ ހިންގުންތެރި އަމާނާތްތެރި ބޭފުޅެއް ކަމަށް ސިފަކުރައްވާފަ އެވެ.(ނޫސްއެޖެންސީތައް)