02 Feb 2013, 19:32
ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް ފުޓްފޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ރަސްމީކޮށް މިއަދު ހަވާލުވެއްޖެ އެވެ.
ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަވާލުވެވަޑައިގަތުމަށްފަހު ސަން އޮންލައިންއަށް ދެއްވި އިންޓަވިއުގައި ހާނިމް ވިދާޅުވީ މަގާމުގެ ޒިންމާ އެންމެ އެދެވޭގޮތުގައި ހިފާނެ ކަމަށާއި ދައުރު ނިންމާލަން ބޭނުން ވަނީ މިހާރަށް ވުރެ ބޮޑަށް ދިވެހި ފުޓްބޯޅައަށް އިތުރު ކުރިއެރުންތަކެއް ހޯދާދިނުމަށް ފަހު ކަމަށެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކުލަބް ވެލެންސިޔާގެ މެނޭޖަރު ކާމާ ވެސް ހަވާލުވެ، 22 ދުވަސް ނުވަނީސް އެ މަގާމުން އިސްތިއުފާ ދެއްވި ހާނިމް އަކީ މީގެ ކުރިން ނިއުގެ މެނޭޖަރުކަން ވެސް ކޮށްފައިވާ ބޭފުޅެކެވެ.
ދާއިމީކޮށް އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީގެ މަގާމް ހާނިމްއާ މިއަދު ހަވާލުކޮށްފައިވާއިރު، އެ އިދާރާގެ ޓެކްނިކަލް ކަންތައްތައް ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އަދި ހަމަޖެއްސާފައި ވަނީ 14 އަދި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް އިހްސާން އަބްދުލް ޣަނީ (ސާންތީ) އެވެ.