06 Oct 2010, 14:53
ޓްރެކް ސަރަހައްދު މޫދުގައި އަންހެނަކު މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ފުލުހުން އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި ޑޮކަޓަރުން ބެއްލެވުމަށް ފަހު އޭނާ މަރުވެފައިވާކަން ޔަގީންކޮށްދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޓްރެކް ސަރަހައްދު މޫދަށް ގެނބިފައި އޮއްވާ ނެގިއިރު ޗޮކްލެޓް ކުލައިގެ ހަރުވާޅަކާއި މަޑު ނޫކުލައާއި ހުދުކުލައިގެ ގަމީހެއް ކަހަލަ ޓޮޕެއް ލައިގެން އޮތް މެދު އުމުރުގެ އަންހެނަކީ މ. މާބަގީޗާގޭ އާމިނަތު ރީނާޒު، 35، ކަމަށެވެ. އަދި ބުނީ އޭނާގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށެވެ. އާއިލާއާ ހަވާލު ކުރުމުގެ ކުރިން ރީނާޒްގެ ހަށިގަނޑު އޮތީ ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ފިނިކޮށާރުގައި ކަމަށެވެ.
މަރުވި އަންހެން މީހާ މޫދުގައި އޮއްވާ ނެގި މީހާ މިރޭ ވަނީ ސަންއެފް އެމް އޮންލައިނަށް މައުލޫމާތު ދީފައެވެ. އޭނާ ބުނީ މިރޭ ދުވަން ދިއުމަށް ފަހު ޓްރެކް ސަރަހައްދަށް ގޮސް މޫދަށް އެރުނު އިރު ޕެޓްރޯލް ޝެޑާ ދިމާލުން ވަރަށް ގިނަ މީހުން ތޮށިގަނޑު ކައިރީ އެއްވެ ތިބި ކަމަށާއި މީހުން އެއްވާ ތަންތަނަށް ގޮސް ނޫޅޭތީ ފުރަތަމަ އެކަމަށް ސަމާލުކަން ނުދީ މޫދަށް އެރުނީ ކަމަށެވެ.
އޭނާ ބުނީ އެ ދިމާއަށް އޭނާ ދިޔައީ އެންމެން ފޮޓޯ ނަގަން ފެށުމުންނާއި އެ ސަރަހައްދަށް ފުލުހުންގެ ބަޔަކު ގޮސް ތިބުމުން ކަމަށެވެ.
"އަހަރެން ގޮސް ބުނެފިން ކިހިނެއްހޭވީ. ބުނީމަ ބުނީ ގެނބިފައޮތް މީހެކޭ، މަރުވެފައޮތް މީހެކޭ، އަހަރެން ބުނެފިން ދެން ތިބެނީ ކީއްވެހޭ ކަލޭމެނަށްހޭ، އެނގެނީ މަރުވެފައި އޮތިއްޔާ" އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ ބަންޑުން އޮތް އަންހެން މީހާ ނަގައި ޓްރެކަށް އެރުވީ އޭނާ އެކަނި ކަމަށާއި އަންހެން މީހާގެ ވިންދު ހުރިތޯ ބަލައި ނޭވާލެއްވޭތޯ މަސައްކަތް ކުރި ކަމަށެވެ. އެހުރިހާ ކަމެއް އެކަނި ކުރި އިރުވެސް ފުލުހުންނާއި އެންމެން ފޮޓޯ ނަގާށާއި ބަލަން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭގެ މާފަހުން ޕިކަޕެއްގައި ގެންދަންވީ ނޫންހޭ ބުނެ ނަގައިގެން ގެންދިޔައީ،" އޭނާ ބުންޏެވެ."އަޅުގަނޑަށް ހީވަނީ އެއީ ދުވަން ނުކުމެ އުޅުނު އަންހެނެއްހެން. އޭނާ އޮތީ ޓެނިހަށް ވެސް އަރައިގެން، އާންމުކޮށް އަންހެންވެރިން ދުވަން ނުކުމެ އުޅޭ ހެދުމުގައި،"
އެ ސަރަހައްދުގައި ހުރި އެހެން މީހަކު ބުނީ އަންހެން މީހާ ތޮށިގަނޑު މަތީގައި ކަސްރަތަށް ހިނގި ކަމަށާއި އޭނާ މޫދުތެރޭގައި އޮއްވާ ފެނުނީ އޭގެ މާ ގިނައިރު ނުވަނީސް ކަމަށެވެ.
މާލޭ މަގުމަތީގައި އޮތް ޕިކަޕެއްގެ ތެރޭގައި ވެސް މީހަކު މިއަދު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު ފާސްކޮށް އެއީކާކުން އައިޑެންޓިފައި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.