އަމާން ވެށްޓެއް ގާއިމުކުރުމަށްޓަކައި " އެންމެން އެކުގައި " މަސައްކަތް ކުރުމާ ބެހޭ ކެމްޕޭނެއް މިއަދު ދަށައިފި އެވެ.

ފުލުހުން އިސްނަގައިގަނެގެން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕޭން ފައްޓަވާ ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ދާހިލީ ވަޒީރު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

ކެމްޕޭން ފައްޓަވާ ދެއްވުމަށް ފަހު ކޮމިޝަނާ ރިޔާޒް ދެއްކެވި ވާހަކަފުޅުގައި މި ކެމްޕޭންގެ ދަށުން ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު އެއްފަހަރު ކުށް މަދު ކުރުމާ ބެހޭ ކޮންމެ ވެސް ހަރަކާތެއް ފުލުހުން އިސްކޮށް ތިބެގެން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ދާހިލީ ވަޒީރުގެ ވާހަކަފުޅުގައި މިއަދު ހަގީގަތުގައި ފެންނަނީ ރާއްޖެއިން ފެންނަން ޖެހޭ މަންޒަރުތައް ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ އަމާން ވެއްޓެއް ގާއިމުކުރެވިދާނެ ކަމުގައި ފާހަގަ ކުރެއްވި އެވެ. އަދި އެކި ޖަމާއަތްތަކާއި އެކި ފަރުދުން ކުށްމަދުކުރުމުގެ ކެމްޕޭންގައި ބައިވެރިވި ކަމީ ލިބިވަޑައިގެންނެވި އުފާފުޅެއް ކަމަށް ވިދާޅުވި އެވެ.

މިއަދު ހަވީރު ކެމްޕޭން ފެށުމުގެ ގޮތުން ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި އަދި ސްކޫލްކުދިން ބައިވެރިވެގެން މާލެގައި ވަނީ ހިނގާލުމެއް ބާއްވާފަ އެވެ.

އެންމެން އެކުގައި ކުށްމަދުކުރުމަށް މަސައްކަތްކުރުމަށް ގޮވާލާ ކުރިއަށްގެންދިޔަ އެ ހިނގާލުމުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.