02 Feb 2013, 19:01
ރާއްޖޭގައި ހިންގާ އެއާޕޯޓްތައް ހިންގާނެ މާސްޓާ ޕުލޭނެއް އެކުލަވާލުމުގެ މަސައްކަތް ޓުރާންސްޕޯޓް މިނިސްޓުރީ އިން ކުރަމުންދާކަމަށް ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ މިވަގުތަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކާއެކު ހަނިމާދޫ އެއާޕޯޓްގެ އިންޓަނޭޝަނަލް ދަތުރުތައް ފެށިގެން ދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި އިގްތިސާދީ ފައިދާ އެންމެ ރަނގަޅަށް ލިބޭނޭގޮތަށް އެއާޕޯޓްތައް ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުން ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ދުރާލާ ރޭވިގެން ކަމުގައިވާއިރު ރާއްޖޭގައި އެއާޕޯޓްތައް ތަރައްގީކުރުމަށް ޕުލޭނެއް އެކުލަވާލުމުގެ މަސައްކަތް ޓުރާންސް ޕޯޓް މިނިސްޓުރީއިން ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ދުރާލާރޭވިގެން ކަނޑައެޅެ ވަކި އަމާޒްތަކެއް ހާސިލްކުރުމަށްޓަކައި، އެގޮތުން ރާއްޖޭގައި އެއާޕޯޓްތަށް ތަރައްގީކުރެވިގެންދާނެގޮތުގެ މާސްޓާ ޕުލޭނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓުރީ އޮފް ޓުރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އިން މިހާރު ދަނީ ކުރަމުން، މި މާސްޓަ ޕުލޭން އެކުލަވާލެވޭއިރުގައި އެއާޕޯޓްތައް އިތުރަށް ތަރައްގީކުރެވޭނެ ރަށްތައް ކަނޑައެޅިފަ ހުންނާނެ، މިގޮތުން ރަށްތައް ކަނޑައެޅުމުގައި ބަލާނީ އެރަށެއްގައި ނުވަތަ އެހިސާބެއްގައި އާބާދީގެ ނިސްބަތަށާއި އެސަރަހައްދެއްގައި ފަތުރުވެރިކަން ތަރައްގީކުރެވޭނެ މިންވަރެއްގެ މައްޗަށް" ރައީސް ވަހީދު ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެވި އެއެއާޕޯޓުން ރާއްޖެއިން ބޭރަށް ދަތުރުތައް ފަށައިގަތުމުން އެހިސާބުގެ ރައްޔިތުނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންގޮސް އެސަރަހައްދުގެ އިގުތިސާދު ރަނގަޅުވެ ޓުރިޒަމް ފުޅާވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެއެއާޕޯޓް އިންޓަނޭޝަނަލް ވުމާ ގުޅިގެން ވަރަށް އަވަހަށް އެސަރަހައްދަށް ބައިނަލް އަގުވާމީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް އަންނަ ކަމުގެ އުފާވެރި ހަބަރު ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް ލާބަޔަ މަންފާލިބޭ ކަންތައްތައްކޮށް ނިންމާ ނަތީޖާ ހާސިލްކުރުމުގައި ފަސް ނުޖެހޭ ސަރުކާރެއްކަން ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ސާބިތުކޮށްދީފަ ވާނެ ކަމަށެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ވަނީ އިންޑިއާގެ ހައިކޮމިޝަނަރު ޑީ އެމް މުލޭ އަށާއި އެއެއާޕޯޓް އިންޓަނޭޝަނަލް ކުރުމށް ހަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވީ ހަނިމާދޫން އިންޑިޔާއަށް ދާ މީހުންގެ ތެރެއިން ވިސާ ބޭނުންވާ މީހުންނަށް ފަސޭހައިން ވިސާ ލިބޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ހަނިމާދޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް ގަސްތު ކުރައްވާ ކަމަށެވެ. އަދި މުލޭގެ ވާހަކަފުޅު ގައި އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމްއަށް ތައުރީފް ކުރައްވައި ވިދާޅުވީ ބަންދު ސަލީމް ފަދަ 20 މީހުން ރާއްޖޭގައި ތިބެއްޖެނަމަ މިގައުމުގެ އިގްތިސާދުގެ ދުވެލި ހަލުވި ވެ އުދުހިގަންނާނެ ކަމަށެވެ.
އެރަސްމިއްޔާތުގައި ވަނީ ލ. ކައްދުއާއި ގދ. ކާޑެއްދޫ އެއާޕޯޓް ޕްރަވަޓައިޒް ކުރުމުގެ ގޮތުން ބިޑަށް ހުޅުވާލުމުން އެ ދެ އެއާޕޯޓްގެ ތެރެއިން ކައްދޫ އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ އަދި ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ވިލާ އެއާ އަށް ހަވާލުކުރުމުގެ ލެޓާ އޮފް އިންޓެންޓް އެދެކުންފުއްނާ ހަވާލުކޮށްފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ވަހީދު ދެއްކެވި ވާހަކައިގައި ވަނީ ހަނިމާދުއެކޭ އެއްފަދައިން މާމިގިލީ އެއާޕޯޓަށް ވެސް އިންޓަނޭޝަނަލް ފުލައިޓުތައްް ޖެއްސުމުގެ ހުއްދަ ދެއްވަން ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.