02 Feb 2013, 18:53
މިދިޔަ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީއަށް ކުޅުނު މުޙައްމަދު ޝިފާން (ކުޑައްޓޭ) އާއި އޭވައިއެލްގެ ކަނާތްފަރާތު ބެކަށް ކުޅުނު އިބްރާހީމް އުސާމަތު އާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޖަޒްލާން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ގުޅިއްޖެ ކަމަށް އެޓީމުން މިއަދު ހަވީރު އިއުލާނު ކޮށްފި އެވެ.
ނިއުރޭޑިއެންޓުން އަލަށް ގެނައި ތިން ކުޅުންތެރިން ތައާރަފް ކޮށްފައި ވަނީ، މިއަދު ހަވީރު އެޓީމުން މާފަންނު ދެނަންބަރު ޓާފްގައި ކުރިއަށް ގެންދާ އޯޕަންޑޭ އެކްޓިވިޓީސްގެ ތެރެއިން ނެވެ.
ނިއުރޭޑިއެންޓާއި އަލަށް ގުޅުނު ތިން ކުޅުންތެރިންވެސް އެޓީމާއި ގުޅިފައި ވަނީ 2 އަހަރު ދުވަހުގެ އެޓީމަށް ކުޅެ ދިނުމަށެވެ.
ނިއުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކު) ވިދާޅުވީ، އެޓީމަށް ކުޅުންތެރިން ހޯދަނީ ހަމަ އެކަނި އެއަހަރުގެ ކާމިޔާބަށް ވިސްނާފައި ނޫން ކަމަށާއި މިހާރު ހޯދާ ހުރިހާ ކުޅުންތެރިންވެސް ހޯދާފައިވަނީ މާދަމައަށް ވިސްނައިގެން ކަމަށެވެ.
"އަޅުގަނޑުމެންނާ އަލަށް ގުޅުނު ހުރިހާ ކުޅުންތެރިންހެންވެސް ގުޅިފައިވަނީ ދެއަހަރު ދުވަހުގެ މުއްދަތަކަށް. އެއްއަހަރު ދުވަހައް ކުޅުންތެރިން ހޯދުމުގެ ފޯކަސް ބަދަލުކޮށް ވީހާވެސް ގިނަ ދުވަހަކު ޓީމުގައި ކުޅުންތެރިން ބޭތިއްބުމަށް މި ވިސްނަނީ. އަޅުގަނޑުމެން މިއަދު މިކުރާކަމެއް ކުރަނީ މާދަމައަށް ވިސްނައިގެން،" ބަލަކް ވިދާޅުވި އެވެ.
ބަލަކް އިތުރަށް ވިދާޅުވީ މިހާރު އޮތް ސްކޮޑާއިގެން ރަނގަޅު ކާމިޔާބެއް ހޯދޭނޭ ކަމަށް އުއްމީގު ކުރާ ކަމަށާއި ހިނގަމުން މިދާ ޓްރާންފާގައި ދެން އިތުރު ކުޅުންތެރިއެއް ޓީމަށް ހޯދުމަށް ނުވިސަނާ ކަމަށެވެ.
"ފުރަތަމަ ބުރަށް ކުޅުންތެރިން ހޯދުން މި ނިމުނީ. އަޅުގަނޑުމެން ކޮންމެހެން ގެންނަން ޖެހިއްޖިއްޔާ ނޫނީ އިތުރު ކުޅުންތެރިއަކު ހޯދުމަށް ޖޫންގައި ޓްރާންސްފާ މާކެޓަކަށް ނުވަންނާނަން،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ.
ވިކްޓަރީ ސްޕޯޓްސް ކުލަބަށް މިދިޔަ ސީޒަންގައި ކުޅުނު ކުޑައްޓޭ ވަނީ މިފަހަރުގެ ޓްރާންސްފާގައި ކުލަބް ވެލެންސިޔާ އަށްވެސް ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ކުޑައްޓޭއާއި ވެލެންސިޔާ އާއި ދޭތެރޭ އުފެދުނު ކޮށްމެވެސް ވަރެއްގެ ހިޔާލު ތަފާތުވުމެއްގެ ސަބަބުން އޭނާ ވެލެންސިޔާގެ ޕްރެކްޓިސް ތަކުގައި ފަހުން ބައިވެރިވެފައެއް ނުވެ އެވެ.
ބަލަކް ވިދާޅުވީ ނިއުރޭޑިއެންޓަށް ކުޑައްޓޭ ގެނެސްފައި ވަނީ، ރަސްމީކޮށް އެޓީމުން ވެލެންސިޔާ އަށް ޓްރާންސްފާ ރިކުއެސްޓެއް ފޮނުވުމަށްފަހު ޓްރާންސްފާގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
ނިއުއިން މީގެ ކުރިން ވަނީ މިސީޒަންގައި ޓީމުވަރުގަދަކުރުމަށް މިދިޔަ ސީޒަންގެ ޓޮޕް ސްކޯރަރ ވިކްޓަރީގެ މުހައްމަދު އުމައިރާއި، ހަމަ ވިކްޓަރީއަށް ކުޅުނު ރިލްވާން ވަހީދު އާއި، އޭވައިއެލްގެ މޫސާ ޔާމީން އާއި މާޒިޔާގެ ކުރީގެ ފޯވަޑް ހުސައިން ނިޔާޒު (ބޮކުރީ)ގެ އިތުރުން ނިއަށް ކުރިން ކުޅުނު އަލީ ފާސިރު (ސެންޓޭ) ވެސް އެޓީމަށް ގެނެސްފަ އެވެ.