02 Feb 2013, 18:51
ޖަޕާނުގެ ސޮނީ ކުންފުނިން އުފައްދަމުން ގެންގެންދިޔަ މިނީ-ޑިސްކް ސްޓީރިއޯ ސިސްޓަމް އުފެއްދުން އަންނަ މަހުން ފެށިގެން ހުއްޓައިލާނޭ ކަމަށް އެކުންފުނިން އިއުލާނު ކޮށްފި އެވެ.
ސޮނީ ކުންފުނިން ބުނެފައިވަނީ މާޗުމަހުގެ ތެރޭގައި އެކުފުނިން ނެރޭ މިނީ-ޑިސްކް ސްޓީރިއޯގެ އެންމެ ފަހު ސިސްޓަމް ތައާރަފު ކުރާނެ ކަމަށާއި އަދި 1992 ވަނަ އަހަރު އުފައްދަންފެށި ސިސްޓަމަށް އިތުރު ސަޕޯޓް ސާވިސް ދިނުންވެސް އެކުންފުނިން ހުއްޓާލާނެ ކަމަށެވެ.
ސޮނީ ކުންފުނީގެ މިނީ-ޑިސްކް ސިސްޓްމް އުފެއްދުން ހުއްޓާލުމަށް ނިންމާފައި މިވަނީ އެ އާލާތައް ޖަޕާނުން ބޭރުގައި މާބޮޑު ކާމިޔާބުތަކެއް ހާސިލް ކުރެވިފައި ނުވުމާއި އެފަދަ އެހެން ބްރޭންޑްތަކުގެ އެމްޕީ3 ޕްލޭޔަރު ތަކާއި ރެކޯޑަބަލް ޑިސްކުތައް އޭގެ މައްޗަށް ކުރިހޯދުމުގެ ސަބަބުން ކަމަށް ލަފާ ކުރެވެއެވެ.
ސޮނީ ކުންފުނިން މިނީ-ޑިސްކު ސިސްޓަމް ތައާރަފްކުރީ ކުރިން ބޭނުންކުރަމުން ގެންދިޔަ ރޭޑިއޯ ކެސެޓްގެ ބަދަލުގައި ހައިކޮލިޓީ ޑިޖިޓަލް ފޯމެޓެއް އެބޭނުން ކުރާ ފަރާތްތަކަށް ހޯދައި ދިނުމުގެ ބޭނުމުގަ އެވެ.
އެމެރިކާގައި 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލޯންޗުކުރެވުނު އޮރިޖިނަލް މިނީ-ޑިސްކް މެޝިންއެއްގެ އަގު އަދިވެސް އުޅެނީ 750 ޑޮލަރަށެވެ. މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ސޮނީގެ މި އާލާތް ފޭލިވެފައިވާކަމުގެ އެއް ހެއްކަކީ ފައިބެ އަހަރު ވިކިފައިވަނީ މިނި-ޑިސްކު ސިސްޓަމްގެ 50000 ޔުނިޓަށްވުރެވެސް މަދު އަދަކަށް ވުމެވެ.
ކަސްޓަމަރުންގެ މެދުގައި ރެކޯޑަބަލް ސީޑިގެ މަގުބޫލުކަން އިތުރުވެގެން ގޮސްފައިވީނަމަވެސް ޖަޕާނުގެ ޒުވާނުންގެ މެދުގައި އަދިވެސް މިނީ-ޑިސްކް ސްޓީރިއޯ ސިސްޓަމްދަނީ ވަރަށްބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.
ސޮނީ އިން ވަނީ މިހާރު އަނެއްކާވެސް އިތުރު ޑިޖިޓަލް ފޯމެޓެއް ތައާރަފް ކޮށްފަ އެވެ. ނަމަވެސް "ޑިޖިޓަލް އޯޑިއޯ ޓޭޕް" ގެ ނަމުގައި ނެރެފައިވާ އެ ޓޭޕް ބޭނުން ކުރަންޖެހޭ އާލާތް އަގުބޮޑު ވުމުގެ ސަބަބުން އެ ޓޭޕު އުޅެނީ އާދައިގެ ކަސްޓަމަރުން އަތްފޯރާ ފަށަށްވުރެ ތަންކޮޅެއް މަތީގައެވެ.
އެހެން ނަމަވެސް ސޮނީން ބުނެފައިވަނީ، 2.5 އިންޗީގެ ކަވަރެއްގެ ތެރޭގައި ރައްކާތެރި ކުރެވިފައިވާ، ރިރައިޓަބަލް މެގްނެޓޯ އޮޕްޓިކަލް ޑިސްކުގައި 80 މިނިޓުގެ އޯޑިއޯ ރެކޯޑިން ރައްކާކުރެވޭ އިރު އެއަށް އެއްވެސް ކަހަލަގެއްލުމެއް ނުލިބި ހައި ކޮލިޓީގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ރެކޯޑިން ރައްކާތެރިކުރެވޭނެ ކަމަށެވެ.