ސެންފުރެންސިސްކޯ (އޭޕީ) – ދުނިޔޭގެ ބޮޑެތި މީޑިޔާ ކުންފުނިތަކަށް މިފަހަކަށް އައިސް ދެމުން ގެންދާ ހައި-ޕްރޮފައިލް ސައިބަ އެޓޭކްތަކުގެ ޝިކާރައަކަށް މަޝްހޫރު ސޯޝަލް ނެޓްވޯކް "ޓްވިޓާ" ވެސް ވެއްޖެކަމަށް އެ ނެޓްވޯކުން ބުނެފި އެވެ.

ޓްވިޓާއިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ޓްވިޓާއަށް ދިން އެ ހަމަލާގައި ހެކަރުން ވަނީ އެނެޓްވޯކް މިހާތަނަށް ބޭނުންކުރަމުން އައި 200 މިލިޔަން އެކްޓިވް މެންބަރުންގެ އެކައުންޓުތަކުގެ ތެރެއިން 250000 އެކައުންޓުގައި ހިމެނޭ މައުލޫމާތުތައް ވަގަށް ނަގާފައި ވެއެވެ. އޭގެތެރޭގައި ޔޫޒާނޭމް، ޕާސްވޯޑް، އަދި އީމެއިލް އެޑްރެސް ހިމެނޭކަމަށް ވެއެވެ.

ޓްވިޓާއިން ބުނެފައިވަނީ، ހުސްވިހަފުތާގައި ހެކަރުންގެ އުނދަގޫތައް އެނެޓްވޯކަށް ފާހަގަ ކުރެވެމުން ދިޔަކަމަށާއި އަދި ބައެއް ޔޫޒާ އެކައުންޓުތަކަށް ވަދެގަންނަން މަސަކަތް ކުރާކަން އެނގުމުން ހުކުރު ދުވަހު ނެޓްވޯކް ޑައުން ކުރިކަމަށެވެ.

ޓްވިޓާގެ ޑައިރެކްޓަރ އޮފް އިންފޮމޭޝަން ސެކިއުރިޓީ ބޮބް ލޯޑް ބްލޮގް ގައި ބުނެފައިވަނީ ހެކަރުންގެ މި މަސައްކަތަކީ އާދައިގެ ބަޔަކު ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އަދި މިއީ ހަމަ އެހެން ހުރެލާފަ ހިނގި ހާދިސާއެއްކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ޓްވިޓާއަށް ހަމަލާ ދިން މީހުންގެ ފަހަތުގައި ބާރުގަދަ އެހެން އަތްތަކެއް ވާކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޓްވިޓާއަށް ހެކަރުން ދިން ހަމަލާގެ ފަހަތުގައި ވަނީ ޗައިނާ ކަމަށް ބައެއް ފަރާތުން ތުހުމަތު ކުރާއިރު ހުސްވި ހަފުތާގައި އެމެރިކާގެ ބޮޑު ދެ ނިއުސް މީޑިއާ ކަމަށްވާ ނިއުޔޯކު ޓައިމްސް އާއި ވޯލްސްޓްރީޓް ޖާނަލް އަށްވެސް ވަނީ ޗައިނާ ބޭސްޑް ހެކަރުން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އެޓޭކް ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް އެ ދެމީޑިޔާއިން ބުނެފައި ވެއެވެ.

ޗައިނާއިން ވަނީ އެ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ޗައިނާގެ ގާނޫނުގައިވެސް ހެކް ކުރުން ފަދަ ކަންތައްތަކަކީ މަނާކަމެއް ކަމަށާއި އަދި އެފަދަ ކަމަކަށް ޗައިނާގެ މިލިޓަރީން އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.