އުސްފަސްގަނޑު ސަރަހައްދުން އިއްޔެ ހަވީރު ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެ މީހުންގެ ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދުން އިއްޔެ ހައްޔަރު ކުރި 14 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ފަސް ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ އާމިނަތު ޝައުނާ އާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަލާހު ވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ އުސްފަސްގަނޑު ސަރަހައްދުން ބަޔަކު ހައްޔަރުކުރަން ޖެހުނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޕޮލިސް ލައިން ފަޅާލައި އުސްފަސްގަނޑަށް އަރާން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

އުސްފަސްގަނޑަކީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ. އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހައިކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ.

ހައިކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރުގައި ބުނަނީ ހައުސިން މިނިސްޓްރީއާ އުސްފަސްގަނޑު ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް މާލޭ ސިޓީ ކައުންސިލުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަން ދެން ފުލުހުންގެ ބެލުމުގެ ދަށުގައި އުސްފަސްގަނޑު ބޭއްވުމަށް އަމުރު ކުރާ ކަމަށެވެ.


އެމީހުން ހައްޔަރު ކުރުމުން އެމްޑީޕީން ވަނީ އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނަނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ކޮށްގެން ނޫންކަމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގަކަށްވާއިރު އެ ހައްގުގެ ބޭނުންކުރަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ އެމީހުން ވަގުތުން ދޫކޮށްލުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައްވާފަ އެވެ.