ހަނިމާދޫގައި އިންޑިޔަން ހައިކޮމިޝަނުގެ ކޮންސިއުލޭޓެއް ހުޅުވާން ގަސްތު ކުރައްވާ ކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ވައިގެބަނދަރު ބައިނަލްއަގްވާމީ ވައިގެބަނދަރަކަށް ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައިކޮމިޝަނަރު މުލޭ ވިދާޅުވީ ހަނިމާދޫން އިންޑިޔާއަށް ދާ މީހުންގެ ތެރެއިން ވިސާ ބޭނުންވާ މީހުންނަށް ފަސޭހައިން ވިސާ ލިބޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ހަނިމާދޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް ގަސްތު ކުރައްވާ ކަމަށެވެ.

ހަނިމާދޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމު ކުރެވޭން ދެން ވެސް ހަނިމާދޫން އިންޑިޔާއަށް ދާ މީހުންނަށް ބޭނުންވާ ވިސާގެ ކަންތައް އައިލޭންޑް އޭވިއޭޝަނާ ގުޅިގެން އިންޑިޔަން ހައިކޮމިޝަނުން ކުރިޔަށް ގެންގޮސްދޭނެ ކަމަށް ވެސް ހައިކޮމިޝަނަރު ވިދާޅުވިއެވެ. އެހެން ކަމުން ވިސާ ހޯދުމަށް ޓަކައި މާލޭގައި ހުންނަ އިންޑިޔަން ހައިކޮމިޝަނަށް ދާން ނުޖެހޭނެ ކަމަށެވެ.

"ހަފްތާއެއް ކުރިން އައިލެންޑް އޭވިއޭޝަނުން ޕާސްޕޯޓުތައް ކަލެކްޓުކޮށްފައި ހައިކޮމިޝަނަށް ގެނައުމުން ވިސާގެ ކަންތައް ހަމަ ޖެހޭނެ. ފުރާ މީހާ މާލެ އަންނާކަށް ނުޖެހޭނެ. އަދި ފަހުން ޕާސްޕޯޓު ފޮނުވާކަށް ވެސް ނުޖެހޭނެ ހަނިމާދޫގައި ކޮންސިއުލޭޓު ހުޅުވުނީމާ. އޭރުން ހަނިމާދޫން ވިސާ ނެގޭނެ،" ހައިކޮމިޝަނަރު މުލޭ ވިދާޅުވިއެވެ.