އެމްޓީސީސީން މާލެ އާއި ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތަކުގެ އަގު ޖީއެސްޓީއާ އެކު ބޮޑުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ވިލިމާލޭގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ވުލިމާލެ އިން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު މެންދުރު 2:30 ހާއިރުން ފެށިގެން ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދަށް އެއްވެ މުޒާހަރާ ކުރާ މީހުން ގޮވަމުން ދަނީ ފެރީގެ ޓިކެޓްގެ އަގު ހެޔޮކޮށްދިނުމަށް ކަމަށެވެ. އަދި ޖީއެސްޓީ ކަމަށް ބުނެ އެމްޓީސީސީން މިހާރު ފައިސާ ނަގަމުންދަނީ އިތުރަށް ކަމަށް ކަމަށް ބުނެ އެ ފައިސާ ނެގުން ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން އަންނަ ކަމަށް ވެސް އެމީހާ ބުންޏެވެ.

"މުޒާހަރާ ކުރާ މީހުން ޝުއޫރުފާޅުކުރަމުން ގެންދަނީ ޖީއެސްޓީ ކަމަށް ބުނެ އެމްޓީސީސީގެ ފަރާތުން މިހާރު ނަގަމުން އަންނަ ފައިސާތަކަކީ އިތުރަށް ނަގަމުންދާ ފައިސާއެއް ކަމަށް. އެހެންކަމުން އެ ފައިސާ ނެގުން ހުއްޓާލުމަށް ގޮވާލަމުން ދަނީ،" އެމީހާ ބުންޏެވެ.

އޭނާ ބުނީ ބެނާތަކުގައި ނުރުހުން ފާޅުކުރުމުގެ އެކިއެކި ލިޔުތުންތައް ލިޔެގެން މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވާ އިރު މެގަފޯން ބޭނުންކޮށްގެން ވެސް އެމްޓީސީސީއާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ ކަމަށެވެ. އަދި މުޒާހަރާ ކުރާ މީހުންނަށް އެކަށީގެންވާ ޖަވާބެއް ނުދީފި ނަމަ ފެރީ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެ މުޒާހަރާ ކުރާ މީހުން އިންޒާރު ދެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްޓީސީސީން ފެރީގެ އަގުތަކަށް ގެނައި ބަދަލާ އެކު ވިލިނގިލީ ފެރީ ޓިކެޓްގެ އަގަކަށް ހަމަޖައްސާފައި ވަނީ 3.25ރ. އެވެ. ހުޅުމާލޭ ފެރީ ޓިކެޓްގެ އަގެއް ކަމުގައި ހަމަ ޖައްސާފައި ވަނީ 5.50ރ. އެވެ. ހުޅުމާލޭ ބަހުގެ ޓިކެޓްގެ އަގެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 2.25ރ. އެވެ. ތިލަފުށީ ފެރީ ޓިކެޓްގެ އަގެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 11 ރުފިޔާ އެވެ. ގުޅީފަޅު ޓިކެޓްގެ އަގުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 22 ރުފިޔާ އެވެ. އެކްޕްރެސް ބަހުގެ ޓިކެޓްގެ އަގަކީ 16 ރުފިޔާ އެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކާ ބެހޭ ގޮތުން އެމްޓީސީސީގެ ކޮމެންޓެއް އަދި ލިބޭގޮތެއް ނުވެއެވެ.