02 Feb 2013, 17:11
ހދ. އަތޮޅު ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ލައިސަންސް ރީޖަނަލް އެއާޕޯޓް ލިމިޓެޑާ ހަވާލުކޮށް، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށްފި އެވެ.
އެއާޕޯޓުގެ ލައިސަންސް ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްދެއްވީ އެކްޓިން ޓްރާންސްޕޯޓު މިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްއެވެ. ރީޖަނަލް އެއާޕޯޓްސް ލިމިޓެޑުގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލެވެ.
ލައިސަންސް ހަވާލު ކުރުމަށް ފަހު އެކްޓިން ޓްރާންސްޕޯޓު މިނިސްޓަރު ނާޒިމް ދެއްކެވި ވާހަކައިގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަނިމާދޫގެ އެއާޕޯޓު ބަދަލުވުމަކީ ސަރަހައްދުގެ ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ނާޒިމަށް ފަހު މި ޖަލްސާގައި ވާހަކަ ދެއްކެވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު ޑީއެމް މުލޭ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހީމް ސަލީމް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އާއި ހދ. އަތޮޅުގެ އަތޮޅު ކައުންސިލަރު ޙުސައިން ރަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިނަލްއަގްވާމީ ދަތުރުތައް ފެށިގެން ދިއުމާއެކު ހަނިމާދޫ ސަރަހައްދަށް އިތުރު އިންވެސްޓްމެންޓްތައް އަންނާނެ ކަން ފާހަގަ ކުރެއްވިއެވެ. އަދި މި ގޮތުން މިހާރު ވެސް ވަރަށް އަވަހަށް އިންވެސްޓްމެންޓްތަކެއް އަންނަން ހަމަޖެހިފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ ވާހަކަފުޅުގައި އދ. މާމިގިލީ އެއާޕޯޓަށް ވެސް އިންޓަނޭޝަނަލް ފުލައިޓް ޖެއްސުމުގެ ހުއްދަ ދޭން އެބަ ވިސްނާ ކަމަށް ވިދާޅުވިއެވެ.
މިރެއިން ފެށިގެން ފަށާ ހަނިމާދޫން ޓުރެވަންޑުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓް ފުރަތަމަ ތިން މަސް ދުވަހު ވިއްކުމަށް ހަމަޖައްސާފައި ވަނީ ރިޓާން 199 ޑޮލަރަށް (3068.58ރ.) އަށެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ތިން ވަނަ ދަތުރުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓާ އެކު އިންޑިއާގެ ވިސާ ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައި ވަނީ މޯލްޑިވިއަންގެ 50 ގޮނޑީގެ ޑޭޝް ބޯޓުތަކެވެ