ޕީޕީއެމްގެ ޒުވާނުންގެ ހަރަކާތްތައް ކުރިއެރުވުމަށް އުފައްދާފައިވާ ޕްރޮގްރޮސިވް ޔޫތް އޮފް މޯލްޑިވްސް (ޕީވައިއެމް)ފަރާތުން ރާއްޖޭގައި ހަތަރު ސަރަހައްދަކަށް ވިލަރެސްވެރިން އައްޔަންކުރަން ނިންމައިފި އެވެ.

ދިހަ ކައުންސިލް މެންބަރުން އެކުލެވޭ ޕީޕީވައިއެމް ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ގުރޫޕްގެ ސްޕޯޓްސް ކޯޑިނޭޓަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ރާއްޖޭގެ އުތުރަށާއި ދެކުނަށާއި އަދި މެދުރާއްޖޭތެރޭގެ އިތުރުން މާލެ ސިޓީއަށް ޒުވާނުންގެ ފަރާތުން ކޯޑިނޭޓަރަކު އިންތިހާބު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެ ހުރިހާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. ރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑައަޅާ ކޯޑިނޭޓަރުނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މާލެ ސިޓީގެ ކޯޑިނޭޓަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕީވައިއެމްގެ އިތުރު ބައެއް މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ޕީވައިއެމްގެ އާޓްސް އެންޑް މިއުޒިކް އެންޑް ކަލްޗާ ކޯޑިނޭޓަރު މަގާމު ހުސްވެފައި ވާތީ އެ މަގާމަށާއި ޕީވައިއެމްގެ ސެކްރެޓަރީ ޖެނަރަލާއި ރަޖިސްޓްރާއި އާއި ހަޒާންދާރުގެ މަގާމަށް ވެސް ކުރިމަތި ލުމުގެ ފުރުސަތުވެސް މިއަދު ވަނީ ހުޅުވާލާފަ އެވެ.

ޕީވައިއެމްގެ ހުރިހާ މަގާމުތަކަށްވެސް މެންބަރުން އިންތިހާބު ކުރާނީ އެ ޕާޓީގެ ކައުންސިލްގައި ނަގާ ސިއްރު ވޯޓުނެވެ.