06 Oct 2010, 11:24
ބިޑަށް ނުލައި ދެ ސަވާ ކަސްޓަމްސް އަށް ގެނެފައި ވަނީ ކަސްޓަމްސްގެ ހިދުމަތްތައް ހުއްޓި މާލީ ބޮޑު ގެއްލުންތައް ކުރިމަތިވެދާނެތީ އިމަޖެންސީވެގެން ކަމަށާއި އަގު ބޮޑު ދެ ނެޓްވޯކް ސާވާ ގަތުމުގައި ކަސްޓަމްސް އިން ގަވައިދާ ހިލާފު ކަމެއް ކޮށްފައި ނެތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންނުން ނެރޭ "މައްސަލަތައް ނިންމާ ގޮތުގެ ރިޕޯޓް"ގައި ބުނެފައި ވަނީ ކަސްޓަމްސް އަށް 2009 ގައި ފޯކަސް ކޮމްޕިއުޓަރުން އަގުބޮޑު ދެ ނެޓްވޯކް ސާވާ ގަނެފައި ވަނީ ބިޑަށް ނުލައި ވެރިންނަށް ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ކަމަށް ބުނެ މައްސަލައެއް ހުށަގަޅާފައިވާ ކަމަށެވެ.
އެސީސީން ބުނީ މި މައްސަލަ ކޮމިޝަނުން ބެލި އިރު އެކަމުގައި ގަވައިދާ ހިލާފު އަދި ހިޔާނާތަށް މަގުފަހިވާ އަމަލެއް ކަސްޓަމްސް އިން ކޮށްފައި ނުވާ ކަމަށެވެ.
ކޮމިޝަނުން ބުނީ މުޅި މައްސަލަ ބެލި އިރު 2009ގައި އެ ދެ ސާވާ ގަނެފައި ވަނީ ފޯކަސް އިން ނޫން ކަމަށާއި މެގަޗިޕުން ކަމަށެވެ. އިއުލާން ކުރުމެއް ނެތި އެކަން ކޮށްފައި ވަނީ ކަސްޓަމްސްގައި ބޭނުން ކުރަމުން އައި ޕްރައިމަރީ ޑޮމެއިން ކޮންޓްރޯލާ އަދި ޑީއެންއެސް ކޮންފިގަރޭޝަން ދަށްވެ ސިސްޓަމް އޯވާލޯޑުވެ ފެއިލްވުމާއި އިންޓަނެޓް ސާވާގެ ހާޑުވެއާ މައްސަލަޖެހި މަރާމާތު ނުކުރެވުމުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކުގައި އިމަޖެންސީ ހާލަތުގައި ކަމަށެވެ.
އަދި އެކަން ކޮށްފައި ވަނީ މާލިއްތުގެ ގަވައިދުގެ ދަށުން އިމަޖެންސީކޮށް ގަނެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި އެދެ ސާވާ މައްސަލަޖެހިފައިވުމާ އެކު އެކަން ހައްލު ނުކުރެވޭ ނަމަ ކަސްޓަމްސްގެ އެތައް ހިދުމަތެއް ހުއްޓި ކަސްޓަމަށް މާލީ ގޮތުން އެތައް ގެއްލުމެ ކުރިމަތިވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.