ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ރޭ ފެށި އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ދިރާގާ ވާދަކޮށް 66 ޕޮއިންޓް 28 ޕޮއިންޓުން ނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ހުސައިން އަލީ އެވެ.

ޖުމްލަ ފަސްޓީމް ވާދަކުރާ މުބާރާތުގައި މިއަދު ކުޅޭނީ އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ބާސްކެޓް ކޯޓުގައެވެ. އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަންއެވެ.