މިހާރު ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާނަމަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވަމުން ގެންދަވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދޭންޖެހޭވަރު ކުރާނެ ކަމަށް ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާ އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނާޒިމް ވިދާޅުވީ މިހާރު އޮތް ސަރުކާރު ވައްޓާލަން އަލީ ވަހީދު މަސައްކަތް ކުރާނަމަ 21 ދުވަހުގެ ތެރޭ މަޖިލިސް މެންބަރުކަމުން އިސްއިފާދޭންޖެހޭ ވަރު ކުރާނެ ކަމަށެވެ.

"އެކާވީސް ދުވަހުގެ މުހްލަތެއް އަލީ ވަހީދު ދިނީ. އަޅުގަނޑު ދަންނަވާނީ ދާއިރާގެ މެންބަރުން ލައްވާ މަނިކުފާނު ގޮނޑިން އިސްތިއުފާ ދޭ ވަރުކުރާނަމޭ 21 ދުވަސްތެރޭގައި. ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފިއްޔާމު،" ނާޒިމް ވިދާޅުވި އެވެ.

ހަމައެހެންމެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކޮންމެ މެންބަރަކަށް ވެސް ދާއިރާގެ މެންބަރުން ލައްވާ ޕްރެޝަރު ކުރުވާނެ ކަމުގެ އިންޒާރު ނާޒިމް ވަނީ ދެއްވާފަ އެވެ.

ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ތާއީދު ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅުތަކަށް ވެސް ނާޒިމް މިއަދު ވަނީ ރައްދު ދެއްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ މި ރާއްޖޭގައި ތާއިދު ނެތީ އެމްޑީޕީއަށް ކަމަށެވެ.

"މިއަދު ނެތޭ އެމްޑީޕީގެ ތާއީދެއް މި ގައުމަކު. މާލެ މަގުމައްޗަށް ތި ނިކުންނަނީ ދެން ތިބި މީހުން. ތިބޭފުޅުން ބައްލަވާ މަގުމައްޗަށް ނިކުނަނީ އަންހެނުން. ޒުވާނުންނެއް ނުފެނޭ،" ނާޒިމް ވިދާޅުވި އެވެ.

ޕީޕީއެމް ބުނެފައި ވަނީ އެ ޕާޓީއަށް މެންބަރުން އިތުރުވަމުންދާ ކަމަށާއި އެގޮތުން ރޭގައި ވެސް އެ މޭލޭޝިޔާގައި މަތީތައުލީމް ހާސިލް ކުރަމުންދާ ބައެއް ކުދިން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.