02 Feb 2013, 15:13
ދެހާސް ވަނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގައި ކުލަބް ވެލެންސިއާ އިން ވިދާލި ކުރީގައުމީ ޓީމުގެ ކުޅުންތެރިޔާ އާދަމް ލަރީފް (ރޮނާލްޑޯ) މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އަނެއްކާވެސް ވީބީ އައްޑޫ އެފްސީއަށް ކުޅެން ނިންމައިފި އެވެ.
މީގެ ކުރިން ވެސް ވީބީއަށް ކުޅުނު ރޮނާ ބުނީ، އޭނާ އަލުން ވީބީއަށް ގުޅުނީ އެ ކުލަބުގެ ހުށަހެޅުންތަކާއި އެ ނޫން ހުރިހާ ގޮތަކަށް ވެސް ވިސްނާފައި އެންމެ ރަނގަޅީ ވީބީގެ ހުށަހެޅުން ކަމަށް ވާތީއެވެ. އަދި ވީބީއަށް ކުޅެން ނިންމީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަމަށް ވެސް ރޮނާ ބުންޏެވެ.
"އަހަރެން މިހާރު މިދަނީ ވީބީގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރި ވަމުން. ކުލަބާ މެދު ވަރަށް ހިތް ހަމަޖެހޭ،" ރޮނާ ބުންޏެވެ.
ރޮނާ ބުނީ، މިއަހަރުގެ ފުޓް ބޯޅަ ސީޒަނީ އޭނާއަށް ވަރަށް ހާއްސަ ސީޒަނެއް ކަމަށާއި އެގޮތުން ވީބީގައި ހުރެގެން އެކުލަބަށް ރަނގަޅު ކާމިޔާބީއެއް ހޯދާދޭން ބޭނުން ވާކަމަށް ވެސް އޭނަ ބުންޏެވެ.
މިހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވީބީގެ ފަރިތަކުރުންތައް މިހާރު ފަށާފައި ވަނީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުސްވި ސީޒަންގައި ވިކްޓަރީއަށް ކޯޗް ކޮށްދިން މުހައްމަދު ނަޒީހުގެ އިރުސާދާއެކުއެވެ.
ކުރިއަށް އޮތް ސީޒަނުގައި ވީބީއަށް ކުޅެން ބޭނުންވާ އަތޮޅު ތަކުގެ ކުދިންނަށް އެ ޓީމާ ގުޅުމުގެ ފުރުސަތު މިހާރު ވެސް އެކުލަބުން ވަނީ ހުޅުވާލައިފަ އެވެ.