02 Feb 2013, 13:51
ގއ. ގެމަނަފުއްޓާއި ކަނޑުހުޅުދޫއާ ދެމެދު އޮންނަ ފަޅުރަށަކަށް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ލައްގައިފި އެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު ވިދާޅުވީ ގެމަނަފުއްޓާއި ކަނޑުހުޅުދޫއާ ދެމެދު އޮންނަ ކުނބުރު ނަމަކަށް ކިޔާ ފަޅުރަށަށް އެމީހާ ލައްގާފައި އޮއްވައި ފެނުނީ ގެމަނަފުށިން އެ ރަށަށް މިއަދު ގޮސްއުޅުނު ބަޔަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބުމާ ގުޅިގެން މިއަދު 11:23 ހާއިރު ގެމަނަފުށީ ކައުންސިލްގެ ޓީމަކާއި ފުލުހުންގެ ޓީމެއް އެރަށަށް ގޮސް މިހާރު އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެރަށަށް ލައްގާފައި ވަނީ ފިރިހެނެއްގެ ހަށިގަނޑު ކަމަށާއި އެމީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ހުނިވެ ހަލާކުވެ، ކަށިތައް ވެސް ފެންނަން ހުރި ކަމަށް އާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މީހާގެ ހަށިގަނޑު ބޮޑުބައި ފޮރުވިފައި ވަނީ ބޮއިލާޝޫޓަކުން ކަމަށާއި އޭނާގެ ބޮލުގައި ލައިފްޖެކެޓް ވެސް އޮތް ކަމަށް އާސިމް ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅިގެން ސަންއަށް ލިބިފައިވާ ފޮޓޯތަކުން ގަބުރުގެ ބޮލުގެ އިސްތަށިގަނޑު ނައްޓައިގެން ގޮސް ބޮލުގެ ނާށިގަނޑު ވެސް ފެންނަން އޮތެވެ. އަދި ފައިގެ ކަށިގަނޑުވެސް ފެންނަން އޮތެވެ.
އާސިމް ވިދާޅުވީ އެމީހާ ލައިގެން ހުރި ލައިފް ޖެކެޓްގައި ހުރި މައުލޫމާތުގެ އެހީގައި ކައުންސިލުން ހޯދިހޯދުންތަކުން އެ މީހާއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ސްރީލަންކާ ކައިރީ ހިސާބަކަށް ބަންޑުން ޖެހުނު ވިއެޓްނާމްގެ "ސައިގޮން ކުއީން" ބޯޓުން ގެއްލުނު މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ.
އެ ހާދިސާގައި އެ ބޯޓުން ދަތުރު ކުރި 22 މީހުންގެ ތެރެއިން ހަތަރު މީހުން ގެއްލިފައިވާ ކަމަށް އާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަބުރު ވަޅުލުމަށް ހަމަޖެހިފައި ވަނީ ގއ. ވިލިނގިލިން ފުލުހުންގެ ޓީމެއް އެރަށަށް ގޮސް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހުގައި ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ މަރުވެފައި އޮތް މީހަކު ލައްގައިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ގއ. ކުނބުރު ކިޔާ ފަޅުރަށަކުން ގަބުރެއް މިއަދު ފެނުނުއިރު އެއަތޮޅު ކޮނޑޭ ކައިރީ އޮންނަ ކޮނޑޭވިލިނގިލި ނަމަކަށް ކިޔާ ފަޅުރަށަކަށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް މިދިޔަ އަންގާރަ ދުވަހު ދުވަހު ވަނީ ލައްގާފަ އެވެ.