ކެއުމުގައި އެއްގަމު މަހުގެ ބާވަތްތައް ބޭނުން ކުރާ ފަރާތްކަށް ވުރެ ވެޖެޓޭރިއަންސް (އެއްގަމު މަހުގެ ބާވަތްތައް ބޭނުން ނުކުރާ މީހުން) އަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކަމަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީގެ ހޯދުމަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތާއި ސްކޮޓްލެންޑްގައި ކުރެވުނު ދިރާސާއެއްގައި، ކެއުމުގައި އާންމު ހުރިހާ ބާވަތެއް ބޭނުންކުރާ މީހުނަށްވުރެ ވެޖިޓޭރިއަނުންގެ ތެރެއިން "އިސްމީކް ހާޓްޑިޒީސް"ގައި މަރުވާ މީހުން ނުވަތަ ހޮސްޕިޓަލުގައި އެނދުމަތި ކުރެވޭ މީހުންގެ އަދަދު 32 އިންސައްތަ މަދު ކަމަށް ފާހަގަކުރެވިފައި ވެއެވެ.

ދިރާސާގައި ވާގޮތުން ވެޖިޓޭރިއަނުން ހިތުގެ ބަލިތަކުން ދުރުވަން މެދުވެރިވާނީ އެމީހުންގެ ކާނާގައި ނޮން-އެޗްޑީއެލް ކޮލެސްޓްރޯލް މަދުވުމާއި އަދި އެމީހުންގެ ކާނާގެ ސަބަބުން ހިތުގައި ސިސްޓޮލިކް ބްލަޑް ޕްރެޝަރު ދަށްކޮށްދޭތީ ކަމަށެވެ.

އޮކްސްފޯޑު ޔުނިވާސިޓީގެ އުސްތާޒެއް ކަމަށްވާ ޑރ. ފްރަންޗެސްކާ ކްރޯގެ ރިޕޯޓުގައި ލިޔެފައިވާގޮތުގައި، އޭނާ އާއި އޭނާގެ ބައިވެރިން ޔޫރަޕިއަން ޕްރޮސްޕެކްޓިވް އިންވެސްޓިގޭޝަން އިންޓު ކެންސާ އެންޑް ނިއުޓްރިޝަން (އީޕީއައިސީ) އިން 44561 ބަލިމީހުންގެ މައުލޫމާތު ދިރާސާކުރި އިރު އޭގެތެރެއިން އެއްގަމު މަހާއި ކަނޑު މަހުގެ ބާވަތްތައް ބޭނުން ނުކުރާ ފަރާތްތަކަށް އިސްމިކް ހާޓްޑިޒީޒް ޖެހުމުގެ ނުރައްކާ ނޮން-ވެޖިޓޭރިއަނުންނަށް ވުރެ 32 އިންސައްތަ ކުޑަ ކަމަށެވެ.

އެއްކުރެވުނު މައުލޫމާތުތަކަށް ބަލާއިރު އެގާރަ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި އިސްކީމިކް ހާޓްޑިޒީސްގެ 1235 މައްސަލަ ހުށަހެޅިފައިވާ އިރު އޭގެތެރެއިން 1066 މީހުން އެނދުމަތިކުރެވި ފަރުވާދީފައިވާ އިރު، 169 މީހުން މަރުވެފައި ވެއެވެ. ކްރޯއާއި އޭނާގެ ބައިވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި މައުލޫމާތު އެއްކުރެވުނު މީހުންގެ ތެރެއިން ވެޖިޓޭރިއަނުންނަށް ހިތުގެ ބަލީގެ ނުރައްކާ 32 އިންސައްތަ ކުޑައެވެ.

ފަހުގެ މި ހޯދުންތަކުން އެނގޭ ގޮތުގައި ކާނާގެ ގޮތުގައި ވެޖިޓޭރިއަން ޑައެޓް ބޭނުން މީހުން ހިތުގެ ބަލިތަކުން އަދި އެހެނިހެން ބަލިތަކުން ވެސް ރައްކާތެރި ވުމުގެ ފުރުސަތު ބޮޑުކަމަށާއި އަދި ވެޖިޓޭރިއަން ޑައެޓަކީ އުމުރު ދިގުކޮށްދޭ އެއްޗެއް ކަމަށް ވެސް ވެއެވެ.