ކޮމްޕިއުޓަރު ބޭނުން ކުރާމީހާ ކުޑަކުދިންގެ ބަރަހަނާ ފޮޓޯތައް ކޮމްޕިއުޓަރުން ބަލައިފި ކަމަށް ތުހުމަތުކޮށް ކޮމްޕިއުޓަރު ލޮކްކޮށް އަދި އެ ކޮމްޕިއުޓަރު އަލުން ބޭނުން ކުރެވޭނީ ވަކި އަދަދެއްގެ ޖޫރިމަނާއެއް ދެއްކުމުން ކަމަށް ބުނެ، ކޮމްޕިއުޓަރު ބޭނުން ކުރާ މީހާ ބްލެކްމެއިލް ކުރާ، އާ ވައްތަރެއްގެ ކޮމްޕިއުޓަރު ވައިރަހަކަށް ސަމާލު ވުމަށް ޖަރުމަނުގެ ފެޑެރަލް ޕޮލިހުން އިންޒާރު ދީފި އެވެ.

އަލަށް ފެނުނު މި ވައިރަސް ކޮމްޕިއުޓަރަށް ވަނުމަށް ފަހު އެ ކޮމްޕިއުޓަރު ތަޅުއަޅުވާލައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އޭގެ ޑިސްޕްލޭ އަށް އެރުވުމަށް ފަހު، އެ ކޮމްޕިއުޓަރު ބޭނުން ކުރާ ފަރާތަށް ޖަރުމަނުގެ ކޮޕީރައިޓް އޮތޯރިޓީ އާއި އެގައުމުގެ ނޭޝަނަލް ކޮމްޕިއުޓަރު އޭޖްންސީގެ ނަމުގައިދޭ އިންޒާރުގެ މެސެޖެއްގައި ބުނަނީ ދެން ކޮމްޕިއުޓަރުގެ ކޮންޓްރޯލް އަނބުރާ ލިބޭނީ 100 ޔޫރޯގެ ޖުރުމާނާއެއް ދެއްކުމަށް ފަހުގައި ކަމަށެވެ.

ޖަރުމަނުގެ ފުލުހުން ބުނެފައިވަނީ އެ ވައިރަހަކީ ކޮމްޕިއުޓަރު ބޭނުންކުރާ ފަރާތްތަކަށް ޖަޒުބާތީ ގޮތުން ބިރު ދެއްކުމަށްފަހު މީހުންގެ އަތުން ފައިސާ ހޯދުމަށް އުފައްދާފައިވާ ރެންސަމްވެއާއެއް ކަމަށާއި އެފަދަ ފަރާތް ތަކަށް އެއްވެސް ހާލަތެއްގައި ފައިސާ ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ރެންސަމްވެއާގެ ގިނަ ވައިރަސްތައް އުފައްދާފައި ހުންނަނީ އޭގެ ޝިކާރައަކަށްވާ ފަރާތްތަކުގެ އަތުން ވަގުތުން ފައިސާ އަތުލާ ގޮތަށެވެ. އެގޮތުން އޭގެ ބައެއް ވައިރަސްތައް، އޭތި އެދޭ އަދަދަށް ކާޑުބޭނުން ކޮށްގެން ފައިސާ ދެއްކުމުން ހިފަހައްޓާފައިހުންނަ ޑާޓާތައް އަނބުރާ ރައްދުކުރާއިރު އަނެއްބައި ވައިރަސްތައް އެފަދަ ޑާޓާތައް އެއްކޮށް ހަލާކުކޮށްލާ ކަމަށް ވެއެވެ.

ކޮމްޕިއުޓަރު ސެކިއުރިޓީ ފާމެއް ކަމަށްވާ ސިމެންޓެކް އިން ބުނެފައިވަނީ ރެންސަމްވެއާގެ ތަފާތު ވައްތަރުތައް ފެންނަމުން ދާކަމަށާއި އަދި އެފަދަ މެލީޝަސް ކޯޑުތައް އުފައްދާ ފަރާތްތަކުން ފައިދާގެ ގޮތުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 5 މިލިޔަން ޑޮލަރުގެ ހޯދާ ކަމަށެވެ.