02 Feb 2013, 12:32
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މުދަލަށް ގެއްލުން ދިން ކަމަށް ބުނެ، އެފަދަ މައްސަލައެއް ބަލައި ދިނުމަށް އެދި ފުލުހުންނަށް ނުފޮނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މެންބަރަކު މަޖިލީހުގެ ސުލޫކާ ހިލާފަށް ނުވަތަ ގަވާއިދާ ހިލާފު އަމަލެއް ހިންގައިފި ނަމަ އެފަދަ މައްސަލައެއް ބަލައި ތަހުގީގުކޮށް އަދި އެ މައްސަލައާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ފާހަގަކޮށް މަޖިލީހުގެ ރައީސަށް އެންގުމަކީ ސުލީކީ ކޮމެޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"އެހެން ކަމުން މެންބަރުންނާ ބެހޭ ގޮތުން ކުރެވޭ މިބާވަތުގެ ތުހުމަތުގެ މައްސަލަތައް މަޖިލީހުގެ ރައީސް ވަނީ ސުލޫކު ކޮމެޓީ އަށް ފޮނުއްވާފަ އެވެ." މަޖިލީހުން ނެރުނު ބަޔާނުގައިވެ އެވެ.
ނަމަވެސް މަހްލޫފް މިއަދު ވިދާޅުވީ މަޖިލީހުގެ އެ ބަޔާނަކީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ނެރެފައިވާ ދޮގު ބަޔާނެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ އެ މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމަށް ފުލުސް އޮފީހަށް ހާޒިރު ކުރި ދުވަހު މަޖިލީހުން އެ މައްސަލަ ހުށަހަޅާފައި ހުރި ލިޔުންތައް ވެސް ފެނިފައިވާ ކަމަށެވެ.
"އަޅުގަނޑު އެންމެ ފަހުން ހާޒިރުކުރި ދުވަހު މަޖިލީހުން އެ މައްސަލަ ފޮނުވާފައިވާ ލިޔުންތައް ވެސް ދުށިން. އެތަނުން ވެސް ބުނި. އެބަހުރި މައިކްތަކުގެ ކޯޓޭޝަން ވެސް ފޮނުވާފައި. މަޖިލީހުގެ ބަޔާނަކީ ހުސް ދޮގު. އެއީ ވަރަށް ބޮޑު އޮޅުވާލުމެއް. އަޅުގަނޑަށް އެނގޭ ހުރިހާ އެއްޗެއް. އެންމެ ފުރަތަމަ ދުވަހު މަޖީހުން އެ މައްސަލަ ހުށަހެޅީ ފޯނުން،" މަހްލޫފް ވިދާޅުވި އެވެ.
އެ މައްސަލައާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެންލުން ދިން މައްސަލައެއް ފުލުސް އޮފީހަށް ހުށަހެޅީ އެ ހާދިސާ ހިނގި ދުވަހު ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ދުވަހު މައްސަލަ ހުށަހެޅީ ފޯނުން މަޖިލީހުގެ އަމީންއާންމު ކަމަށެވެ.
"ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ އެ ހާދިސާ ހިނގި ދުވަހު މަޖިލީހުގެ އަމިންއާއްމު ފޯނުން ގުޅާފައި. އެ ދުވަހު ހުށަހެޅީ މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިން މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި. ދެން އެތަނަށް ފުލުހުން ގޮސް ކޭސް ލޮޖް ކުރެވި އެ ތަހްގީގު މިހާރު ވެސް ކުރިއަށް މިދަނީ. ފަހުން ވަކި މީހެއްގެ މައްސައެއް ބަލަން މަޖިލީހުން އަންގާފައެއް ނެތް. އެ ދުވަހު ހުށަހެޅި މައްސަލައިގެ ތަހްގީގަށް މަހްލޫފް ވެސް ހާޒިރު ކުރީ،" ހަނީފް ވިދާޅުވި އެވެ.