އެސްޓީއޯ އާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން، ބޮޑެތި ބޯޓު ފަހަރަށް ތެޔޮ އެޅުމާއި އެ ބޯޓުފަހަރަށް ހިދުމަތް ދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ސަރަޙައްދުގައި އެ މަޝްރޫ ފެށުމަށް ޓަކައި ބޭރުގެ ކުންފުންޏަކާ މިހާރު ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ އެކަމުގެ ސަވޭ ކުރައްވަން ފައްޓަވާނެ ކަމަށެވެ. އަދި އެ މަޝްރޫގެ ސަބަބުން ވެސް ބޮޑުތިލަދުންމަތީގައި ވަރަށް ގިނަ ވަޒީފާތައް އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިގުތިސާދީ ގޮތުން ކުޅުދުއްފުށީ ރައްޔިތުންނަށާއި އަދި އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ތަނަވަސް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ އަތޮޅުގައި އަދިވެސް ޓޫރިސްޓް ރިޒޯޓެއް ނެތްކަން އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ހދ. އަތޮޅުގައި ރިޒޯޓް ހެދުމަށް ކަނޑައެޅިފައިވާ ރަށްތައް ހަވާލުކޮށްފައިވާ ފަރާތްތަކަށް، ރިޒޯޓްތައް ހަދައި ނިންމުމަށް ދިން މުއްދަތު ވެސް މިހާރު ހަމަވެ، އޭގެ ފަހުން ވެސް އެތައް ދުވަހެއް ފާއިތުވެގެން ހިނގައްޖެ ކަމަށާއި، އެހެންވީމާ، ރިޒޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ނުކުރެވޭ ކަމަށްވާ ނަމަ، އެކަން ނުވާނެ ކަމަށް، އެފަރާތްތަކުން ވިދާޅުވާން އެބަޖެހޭ ކަމަށާއި ދެން ޖެހިވަޑައިގަންނަވާނީ މިކަމާ ދޭތެރޭގައި ފިޔަވަޅު އަޅުއްވަން ޓުއަރިޒަމް މިނިސްޓަރަށް އަންގަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިގޮތުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވައިގެން ނަމަވެސް، އެއަތޮޅުގައި ރިޒޯޓް ހަދަން އެބަޖެހޭ ކަމަށް ވިދާޅުވެ، މާލަސްތަކެއްނުވެ އެރިޒޯޓްތައް ހެދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ހދ. އަތޮޅު ހޮނޑާފުށީގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ތްރީއޭ ކުންފުންޏާ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްގީގެ ހުރިހާ މަޝްރޫތައް ކުރިއަށް ގެންދެވުމަށް ޓަކައި ކުރެއްވޭން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިކަން މިހެން ކުރަމުންދާ އިރު، އެންމެން އެކީގައި މަސައްކަތް ކުރާން އެބަޖެހޭ ކަމަށާއި އެގޮތަށް މަސައްކަތް ނުކުރެވޭ ކަމަށްވާ ނަމަ، އެކަމުގެ ގެއްލުން، ހުރިހާ ފަރާތްތަކަށް ވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދުގެ މައްޗަށް ބައްލަވާލައްވަމުން، 2011 ވަނަ އަހަރަށްވުރެ 2012 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ރަނގަޅު ކަމަށާއި، މިދިޔަ އަހަރަށް ވުރެ މިއަހަރު އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރާއްޖެއަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ސިޔާސީ މައްސަލަތަކާ ގުޅިގެން ކުރިމަތިވާ ބައެއް ދަތިތައް ކަމަށާއި، އެކަންކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.