ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ދުވަހު މަޖިލީހުގެ ޗެމްބަރުގައި ހަމަނުޖެހުން ހިންގައި މަޖިލީހުގެ ތަކެއްޗަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ސުލޫކީ ކޮމެޓީން ފާސްކުރި ނިންމަށް އަމަލު ނުކުރޭވޭނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު މުހައްމަދު މުޖުތާޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ވަޑައިގެންނެވުމުން ޗެމްބަރުގައި ހިނގި "ގަޑުބަޑު"ގައި މަޖިލީހަށް ގެއްލުންވި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފާސްވީ މަހުލޫފު ހުށަހެޅުމަކަށް ތާއިދު ލިބި، ކޮމެޓީގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ. މަހުލޫފުގެ ހުށަހެޅުމުގައި ބުނަނީ މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިން ކަމަށް ތުހުމަތުގެ އޭނާގެ މައްސަލައެއް ފުލުހުންނަށް މަޖިލީހުން ފޮނުވި ގޮތަށް އެމްޑީޕީގެ މެންބަރުން މަޖިލީހަށް ގެއްލުންދިން މައްސަލަ ވެސް ފުލުހުންނަށް ފޮނުވުމަށެވެ.

ނަމަވެސް މަހުލޫފުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެހެންކަމުން ކޮމެޓީން ފާސްކޮށްފައިވާ ގޮތުން، މަހުލޫފުގެ މައްސަލަ މަޖިލީހުން ފޮނުވާފައި ނުވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ މައްސަލައެއް ފުލުހުންނަން ހުށައެޅުމާމެދު ސުވާލު އުފެދެ އެވެ.

ސުލޫކީ ކޮމެޓީގެ މުގައްރިރު މުޖުތާޒު ވިދާޅުވީ ކޮމެޓީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ނޫން ކަމަށާއި ނަމަވެސް އެ ނިންމުމަކަށް އަމަލެއް ނުކުރެވޭނެ ކަމަށެވެ.

ސަރުކާރަށް ތާއިދުކުރާ މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކޮމެޓީން ފޮނުވާ އެފަދަ މައްސަލަ ފުލުހުންނަށް ހުށަހެޅޭނީ މަޖިލިސް މެންބަރުންގެ ސުލޫކީ ގަވާއިދު ފާސްވެގެން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ކަމަށް މުޖުތާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލައެއްގައި މަޖިލީހުގެ ރައީސް ތަފާތު އުޒުރުތަކެއް ދެއްކުމުން އެމަނިކުފާނުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މާޗް 19ގައި މަޖިލިސް ތެރޭގައި ހިނގި ގަޑުބަޑުގައި ބައެއް ޓަޗްސްކުރިންތަކާއި މެންބަރުންގެ މޭޒުގައި ހަރުކޮށްފައިވާ 15 ނަންބޯޑާއި މައިކް ސިސްޓަމްތަކާއި އިދާރީ މޭޒުގައި ބޭނުންކުރާ ސާމާނުތަކުގެ އިތުރުން މަޖިލިހުގެ މެންބަރުން ވޯޓުލުމަށް ބޭނުންކުރާ ވަރަށް ގިނަ އަދެއްގެ ކާޑްތައް ވެސް ހަލާކު ވެފައިވެ އެވެ.