02 Feb 2013, 11:40
ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ޖާނުން ފިދާވުމުގެ ހަމަލައެއް ދީ އެތަނުގެ ދޮރުފާރައަށް ހުރި ތުރުކީގެ ސަލާމަތީ ފާރަވެރިޔަކު މަރާލައިފި އެވެ.
ރޮއިޓާސް އިން ބުނާ ގޮތުގައި އަންކާރާގައި ހުންނަ އެމެރިކާ އެމްބަސީއަށް ހުކުރު ދުވަހު ދިން ޖާނުން ފިދާވުމުގެ ހަމަލަ ދީފައި ވަނީ އެ ހަމަލަ ދިންމީހާ އެމްބަސީގެ ގޭޓުގެ ތެރެއިން އެތެރެ އަށް ވަދެ އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ. އަދި އެ ބާރުގަދަ ގޮވުމުގެ އަޑުފަށްގަނޑު އެތައް މޭލެއްގެ ދުރަށް އިވުނު ކަމަށާއި ގޮވުމާއެކު ޖައްވުގެ ތެރެއަށް ވިއްސައިގެން ދިޔަ އެއްޗެހިތައް މަގު މައްޗަށް ވެއްޓުނުއިރު އިންސާނެއްގެ ފައިގެ ތިރީބައި ވެސް އޮތްކަމަށް ވެއެވެ.
މި ހަމަލައާ ގުޅޭގޮތުން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވީ ޖާނުން ފިދާވެގެން އެ ހަމަލަ ދިން މީހާއަކީ އެގައުމުގެ ރިވޮލިއުޝަނަރީ ޕީޕްލްސް ލިބަރޭޝަން ޕާޓީ-ފްރޮންޓް (ޑީއެޗްކޭޕީ-ސީ)އަށް ނިސްބަތްވާ މެންބަރެއް ކަމަށެވެ. ޑީއެޗްކޭޕީ-ސީ އަކީ ތުރުކީގައި ހަރަކާތްތެރިވާ އެމެރިކާއާއި ނޭޓޯގެ ފައުޖު ތަކާ ދެކޮޅަށް މަސައްކަތްކުރާ، އަދި އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކޮށްފައިވާ ޖަމާއަތެކެވެ.
ވައިޓްހައުސްއިން ބުނެފައިވަނީ ޖާނުންފިދާވުމުގެ އެ ހަމަލަ އަކީ ޓެރަރިސްޓު އަމަލެއް ކަމަށާއި އަދި އެހަމަލާގެ ފަހަތުގައި ވަނީ ކޮން މަގުސަދެއްކަން އެނގިފައި ނުވާ ކަމަށެވެ. އެމެރިކާއިން ވެސް އެ ހަމަލައިގެ ތުހުމަތު އަޅުވާފައިވަނީ ޑީއެޗްކޭޕީ-ސީގެ ބޮލުގަ އެވެ.
ތުރުކީގެ ހަރުކަށި ޖަމާއަތްތަކުން ދޭތެރެ ދޭތެރެއިން ދަނީ އެމެރިކާ އާއި ނޭޓޯގެ ފަރާތްތަކަށް އެފަދަ ހަމަލަތައް ދެމުންނެވެ. އެހެން ނަމަވެސް މި ފަހަރު ދިން ހަމަލައިގެ ޒިންމާ އަދި އެއްވެސް ފަރާތަކުން މިހާތަނަށް ނަގާފައެއް ނުވެއެވެ.
ބޮޑުވަޒީރު އުރުދުގާން ވިދާޅުވީ، ޖާނުންފިދާވުމުގެ ހަމަލަ ދިންމީހާ ވަނީ ބައިބަޔަށް އިރައިގެން ގޮސްފައި ކަމަށާއި އެ ހަމަލައިގައި ސްޕެޝަލް ސެކިއުރިޓީ ޓީމުގެ އެކެއް ނުވަތަ ދެ މީހަކު ނިޔާވެފައި ވާކަމަށެވެ. އަދި މިހަމަލައިން ދުނިޔެއަށް އަންގައިދެނީ "އަޅުގަނޑުމެން ދުނިޔޭގެ އެންމެން އެކަތިގަނޑަކަށް ވެގެން ޓެރަރިސްޓު ޖަމާއަތްތައް ނައްތާލުމަށް މަސައްކަތް ކުރަން ވެއްޖެ" ކަން ކަމަށެވެ.