ރިޓަޔާ ކުރުމުގެ ގޮތުން ނޫނީ އެ ނޫން ވެސް ގޮތަކުން ސްޓެލްކޯގެ ވަޒީފާ އިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް "ރިޑެންޑެންސީ" ޕެކޭޖެއް ތައާރަފުކޮށް މުވައްޒަފުންނާ ހިއްސާކޮށްފި އެވެ.


ސަރުކާރުގެ ކަރަންޓްދޭ މައި ކުންފުނި، ސްޓެލްކޯގެ އިންޖިނޭރު އަދި މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފު މިއަދު ވިދާޅުވީ އެފަދަ ޕެކޭޖެއް ތައާރަފުކޮށް، މުވައްޒަފުންނާ ހިއްސާ ކުރެއްވީ ވަކި މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި ނޫން ކަމަށާއި ނަމަވެސް އެފަދަ ޕެކޭޖަކަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ. ޕެކޭޖު ނަގައިގެން ވަޒީފާ އިން ވަކިވާން އެދޭ ފަރާތްތަކަށް ލިބޭ އިނާޔަތްތަކުގެ ތަފުސީލެއް ރައޫފު ވިދާޅެއްނުވި އެވެ. އޭނާ ވިދާޅުވީ "އެ މައުލޫމާތަކީ މީޑިއާ އާ ހިއްސާ ކުރަން ބޭނުންވާ މައުލޫމާތެއް ނޫން" ކަމަށާއި ޕެކޭޖަށް އެދި ފޯމް ފުރާ ފަރާތްތަކަށް އެ މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ފައިސާގެ އެލަވަންސެއް ކަމަށް އޭނާ ވިދާޅުވި އެވެ.


ސްޓެލްކޯ އިން ބުނީ ރިޑެންޑެންސީ ޕެކޭޖަށް އެދުމަށް އުމުރެއް ވެސް ނެތް ކަމަށާއި އެ ޕެކޭޖު ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް ނެގިދާނެ ކަމަށެވެ.


"މިއީ ވޮލަންޓްރީ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.


ރައޫފު ވިދާޅުވީ އުމުރުން ގިނަ ދުވަސްވެގެން ވަޒީފާ އިން ވަކިވާން ބޭނުންވާ މުވައްޒަފުން ތިބޭނެ ކަމަށާއި ޕެކޭޖެއް ތައާރަފު ކުރެއްވީ އެފަދަ މީހުން ވަކިވާއިރު އިނާޔަތެއް ލިބިދިނުމުގެ ބޭނުމުގައި ކަމަށާއި ކުންފުނީގައި މަސައްކަތްކޮށްފައިވާ މުއްދަތަށް ބެލުމަށް ފަހު ދޭ ފައިސާގެ އިނާޔަތް ތަފާތުވާނެ ކަމަށެވެ.


ސްޓެލްކޯގެ މުވައްޒަފަކު ނަން ހާމަ ކުރުމަށް އުޒުރުވެރިވެ، މިއަދު ބުނީ  އިއްޔެ ނެރުނު "ރިޑަންޑެންސީ" ޕެކޭޖުގައި ވަކި އުމުރަކަށް އަމާޒު ނުކުރާ ކަމީ ހަގީގަތެއް ކަމަށާއި ނަމަވެސް "ފޮރުވިފައިވާ ބައެއް" އެ ޕެކޭޖުގައި ހިމެނޭ ކަމަށެވެ.


"މެނޭޖުމަންޓާ ވިސްނުން ތަފާތު މީހުން ދުއްވާލެވޭ ގޮތަށް ޖާގަލިބޭ ގޮތަށް ޕެކޭޖު ނެރެފައި ވަނީ." އޭނާ ބުންޏެވެ.


އޭނާ ބުނީ ޕެކޭޖުގައި އެންމެ ބޮޑު އެލަވަންސެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350000 ރުފިޔާގެ އިނާޔަތެކެވެ. އޭގެ ތެރެއިން ކުންފުނިން މަޖުބޫރުން ވަކިކުރާ މީހުންނަށް ދިނުމަށް ކަނޑައަޅާފައި ވަނީ އެ އަދަދުގެ ދެބައިކުޅައެއްބަޔަށްވާ 175000 ރުފިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.


ޕެކޭޖުގައި 20 އަހަރު އުޅެފައިވާ މީހުންނާއި 10 އަހަރު އުޅުމަށް ފަހު ވަކިވާން ބޭނުން މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި ތަފާތުކޮށްފައިވާ ކަމަށް އޭނާ ވެސް ބުންޏެވެ.