ދުނިޔޭގައި ފެހި އިގްތިސާދެއް ބިނާ ކުރާން ހުރިހާ ގައުމެއް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޑރ. މަރިޔަމް ޝަކީލާ ގޮވާލައްވައިފި އެވެ.

އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ 13 ވަނަ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ސަމިޓުގެ ވަޒީރުންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަކީލާ ވިދާޅުވީ ދުނިޔޭގައި ފެހި އިގްތިސާދެއް ބިނާ ކުރާން ކުރެވޭ މަސައްކަތުގެ އިތުރުން ވެސް އާންމު އަސާސީ ޚިދުމަތްތައް ކަމަށް ވާ ފެނާއި ހަކަތައިގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރާން މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

ވަޒީރުންގެ ބައްދަލުވުމުގެ އިތުރުން ވެސް ޝަކީލާ ވަނީ އެ ބައްދަލުކުރުން އިންތިޒާމްކުރި ފަރާތް ކަމަށްވާ އިންޑިއާގެ ދަ އެނަރޖީ އެންޑް ރިސޯސަސް އިންސްޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް އަދި އައިޕީސީސީގެ ގެ ޗެއާމަން ރާޖެންދްރަ ކުމާރު ޕަޗޯރީއާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ރާއްޖެއަށް މިހާރު ކުރިމަތި ވެފައި މިވާ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަމުން މިދާ ބަދަލު ތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުން ތަކުގެ މައްޗަށް އަލި އަޅުވާލައްވައި މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެބައްދަލު ކުރެއްވުންތަކުގައި ޝަކީލާގެ އިތުރުން، ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ނަސީރު ވެސް ބައިވެރިވަޑައި ގެންނެވިއެވެ.

ނިއުދިއްލީގައި މިހާރު ކުރިއަށް ދާ ސަމިޓް ޝަރަފްވެރި ކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހް އެވެ. އެ ސަމިޓްގައި ބޮޑު ވަޒީރުގެ އިތުރުން ގައުމުތަކުގެ މިނިސްޓަރުންނާއި ސަފީރުންނާއި ކަމާ ގުޅޭ މާހިރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.