02 Feb 2013, 11:21
ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ ބްލަޑް ބޭންކުގައި ހުރި ފްރިޖެއްގައި މައްސަލަ ޖެހި ހަލާކުވެގެން އުކާލާފައި ވަނީ 17 ލޭ ޕެކެޓް ކަމަށް އެ ސެންޓަރުން ކުރިން ބުނި ނަމަވެސް އެއަށް ވުރެ ގިނައިން އުކާލާފައިވާ ކަމަށް ކަމަށް އެ ސެންޓަރުން ބުނެފި އެވެ.
މިދިޔަ މަހުގެ 26ގަައި ގިނަ އަދދެއްގެ ލޭ ޕެކެޓްތަކެއް ނައްތާލާފައިވާ މައްސަލައާ ގުޅިގެން ތެލެސީމިއާ ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓަރު ޖެނަރަލް އަބްދުލްޣަފޫރު އާދަމް މީޑިޔާއަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވެފައ ވަނީ ބްލަޑް ބޭންކުގައި ހުރި ފްރިޖުގެ ޓެމްޕަރޭޗަރު މައްސަލަ ޖެހިގެން އުކާލާފައި ވަނީ 17 ޕެކްޓް ކަމަށެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ތެލެސީމިއާ ސެންޓަރުގެ އިސް ބޭފުޅުން ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ތެލެސީމިއާ ސެންޓަރުގެ ބްލަޑް ބޭންކާ ހަވާލުވެ ހުންނެވި ފައުޒިއްޔާ އަލީ ވިދާޅުވެފައި ވަނީ އޭރު ފްރިޖު ހަލާކުވެގެން 34 ލޭ ޕެކެޓް ނައްތާލާފައިވާ ކަމަށެވެ. އެއީ 34 މީހަކު ހަދިޔާ ކޮށްފައިވާ ލެއެވެ.
ފްރިޖު ހަލާކުވާން ދިމާވީ ކިހިނެއް ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް އެ ސެންޓަރުން ވަނީ ކޮމެޓީގައި ބުނެފަ އެވެ.
" އޭގައި ވީ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގެ. އޯވަނައިޓް ޓޫޑޭއިސް ހުރެފައި ސަޓަޑޭގައި ހުޅުވިއިރު އޭގައި [ ފްރިޖުގައި ] ހުރީ މައްސަލަ ޖެހިފައި. ތަނަކަށް މޫވް ކޮށްގެންނެއް ވެސް ނޫން،" ފައުޒިއްޔާ ވިދާޅުވި އެވެ.
މާލޭގައި ދިރިއުޅޭ 250 އަށް ވުރެ ގިނަ ތެލެސީމިއާ ކުދިންނަށް ހިލޭ ފަރުވާ ދެމުން އަންނަ ސެންޓަރުގެ ހާލަތާމެދު މޯލްޑިވިއަން ތެލިސީމިއާ ސޮސައިޓީންނާއި ތެލެސީމީއާ ކުދިންގެ ބެލެނިވެރިން ވަނީ މަޖިލީހުގެ ކޮމެޓީގައި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.
ތެލެސީމިއާ ސެންޓަރުގެ ބްލަޑް ބޭންކުގައި ރައްކާ ކޮށްފައި ހުރި ލޭ ޕެކެޓްތައް ނައްތާލަން ޖެހުމާ ގުޅިގެން އަލުން ވަނީ ލޭ އަޅާން ޖެހޭ ކުދީންގެ ބެލެނިވެރީން ގާތު ލޭ ހޯދުމަށް އެދިފައެވެ.