02 Feb 2013, 10:14
ޔޫރަޕްގެ ކުލަބުތަކުން ކުޅުންތެރިން އެއްކުލަބުން އަނެއްކުލަބަށް ބަދަލުވުމަށް ޖެނުއަރީ އެކަކުންފެށިގެން ހުޅުވާލެވުނު ޓްރާންސްފާ ވިންޑޯ ޖެނުއަރީ 31 ވަނަ ދުވަހުގެ 23:00 އަށް ހަމަވި އިރު ކްލަބުތަކުން މިފަހަރު ވެސް ވަނީ ކުޅުންތެރިން ހޯދުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ.
ޑެލޮޓީގެ އެކައުންޓެންޓެއް ހާމަކުރި ގޮތުގައި އިނގިރޭސި ކުލަބުތަކުން މިފަހަރު ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އަށް ވުރެ ދެގުނަ އިތުރަށް ހަރަދު ކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 120 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް 2011 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންފާ އަކީ މިހާތަނަށް އެންމެ ބޮޑު ހަރަދެއް އިނގިރޭސި ކުލަބުތަކުން ކުރި ޓްރާންސްފާ އެވެ. އެފަހަރު 225 މިލިޔަން ޕައުންޑު ޓީމުތަކުން ހަރަދު ކޮށްފައިވެ އެވެ.
ޖެނުއަރީ ޓްރާންސްފާގެ އެންމެ ފަހު ދުވަހު ހިނގި ފާހަގަ ކޮށްލެވޭ ބޮޑެތި ޓްރާންސްފާތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކްމް ފްރާންސްގެ އެންމެ މުއްސަނދި ކުލަބު ކަމަށްވާ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އަށް ފްރީ ޓްރާންސްފާ އެއްގައި ބަދަލުވުން ފާހަގަ ކޮށްލެވެ އެވެ. ފަސް މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ޕީއެސްޖީއާ އެކު ބެކަމް ސޮއިކުރި އިރު އޭނާގެ މުސާރަ އެއްކޮށް ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ޕެރިހުގެ ކުޑަކުދިންގެ ޗެރިޓީ އަށެވެ. ޕީއެސްޖީ އިން ބެކަމް އަށް ފަސް މަސްދުވަހުގެ މުސާރައިގެ ގޮތުގައި މިލިޔަނެއްހާ ޕައުންޑު ލިބޭނެ އެވެ.
ޖެނުއަރީ ޓްރާންސްފާގައި ޕްރިމިއާ ލީގުގައި ކުރެވުނު އެންމެ ބޮޑު ވިޔަފާރިއަކީ 19 މިލިޔަން ޕައުންޑުގެ ފީއަކަށް މެންޗެސްޓާ ސިޓީގެ މާރިއޯ ބަލެޓޮލީ އިޓަލީގެ އޭސީ މިލާނަށް ބަދަލުވުމުމެވެ. އަދި ހަމަ އެހެންމެ ކުއީން ޕާކު ރޭންޖާސްއިން ވަނީ ކުލަބު ރެކޯޑް އަގަކަށް 12.5 މިލިޔަން ޕައުންޑަށް ރަޝިޔާގެ އަންޒީ މެކަލާގެ ޑިފެންޑަރު ކްރިސްޓޮފާ ސަމްބާ އެ ޓީމަށް ގެނެސްފަ އެވެ.
ޓްރާންފާގެ ފަހު ދުވަހު ސްޕެނިޝްލީގުގެ މަލާގަގެ ސްޕެނިޝް ލެފްޓްބެކް ނާކޯ މޮންރިއަލް 10 މިލިޔަން ޕައުންޑުގެ ފީއަކަށް ޕްރިމިއާލީގުގެ އާސެނަލް އަށް ބަދަލުވުން ވެސް ފާހަގަ ކޮށްލެވެ އެވެ.
އިނގިރޭސި ލީގަށް މިފަހަރުގެ ޓްރާންސްފާ ވިންޑޯ ބަންދުވީ އިރު 318 ޑީލް ހެދިފައިވާ އިރު އެންމެ ބާރު ބޮޑުކޮށް ދިޔައީ ޖެނުއަރީ 31 ވަނަ ދުވަހެވެ. އެ ދުވަހު 76 ޑީލް ނިމިފައިވާ އިރު އެންމެ ގިނަ ޑީލްތަކެއް ހެދި ކުލަބަކީ އަށް ޓްރާންސްފާ ހެދި ކްރަވްލީ ސިޓީ އެވެ. އެންމެ ގިނަ ޓްރާންފާ ހެދި ޕްރިމިއާ ލީގުގެ ކްލަބަކީ ހަ ޑީލް ނިންމާލި ނިއުކާސްލް ޔުނައިޓެޑް އެވެ.