02 Feb 2013, 10:10
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ޑިވިޝަންގެ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި ވެސްޓު ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 19 ލަނޑުން މެޗު ކާމިޔާބު ކުރީ އެމްއެސް އެކަޑަމީ އެވެ.
ހުކުރު ދުވަހު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ވެސްޓް ސްޕޯޓްސް އިން ގަސްދު ކުރީ ހޮވާށެވެ. އިނިންގްސް ފެށިގެން ފުރަތަމަ ކޮޅުގައި އެސްއެސް އަށް ވިކެޓްތަކެއް ގެއްލުނު ކަމުގައިވީ ނަމަވެސް އެ ޓީމުން ވަނީ 30 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އިރު 128 ލަނޑު ހަދާފަ އެވެ.
އެމްއެސް އެކަޑަމީއިން މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑު ހެދި އަލީ އިބްރާހީމް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު މުހައްމަދު މަބްރޫކް 37 ލަނޑު ހެދިއިރު އޭނާވަނީ މެޗުގައި ދެ ފަހަރު ހަޔަކަށް އަދި ތިން ފަހަރު ހަތަރަކަށް ޖަހާފަ އެވެ. ވެސްޓް ސްޕޯޓްސް އިން އެންމެ ރަނގަޅަށް އުކާފައި ވަނީ އަށް އޯވަރުގެ ތެރޭގައި 22 ލަނޑަށް ތިން ވިކެޓް ނެގި ފިރުޝާން އެވެ.
ވިލިމާލެއަށް ނިސްބަތްވާ ވެސްޓް ސްޕޯޓްސް ޖަވާބުގައި ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 99 ލަނޑެވެ. ވެސްޓް ސްޕޯޓްސް އިން ވަނީ މެޗުގެ ފުރަތަމަ ކޮޅުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ފުރަތަމަ 10 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވި އިރު 28 ލަނޑު ހަދާފައިވެ އެވެ.
ވެސްޓްސްޕޯޓްސް އިން އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑު ހެދި މުސްތާގު އަހްމަދު އެވެ. އެ އިނިންގްސްގައި އެމްއެސް އެކަޑަމީ އިން އެންމެ ރަނގަޅަށް އުކީ ހަ އޯވަރުގެ ތެރޭގައި ތިން ލަނޑަށް ދެވިކެޓް ނެގި މުހައްމަދު މަބްރޫކް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ މުހައްމަދު މަބްރޫކު އެވެ.
ދެވަނަ ޑިވިޝަންގެ މުބާރާތުގައި މިއަދު ވާދަކުރާނީ މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޔޫތު ޑިވެލޮޕްމަންޓް ޓީމެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު 11:00ގައި މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.