ފަސް މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ބަދަލުވެއްޖެ އެވެ.

ޕީއެސްޖީއާ އެކު ބެކަމް ހެދި އެއްބަސްވުުމުގެ ދަށުން އެކުލަބުން ލިބޭ ހުރިހާ ފައިސާއެއް އޭނަ ހަދިޔާކުރަން ނިންމާފައި ވަނީ ފްރާންސްގެ ކުޑަކުދިންނަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ބެކަމްއަށް ޕީއެސްޖީއިން ފަސް މަސް ދުވަހުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބޭނެ އެވެ.

ޕީއެސްޖީއާ ގުޅުމަށް ފަހު ބެކަމް ބުނީ، ފުޓްބޯޅައިގެ ހަޔާން ނިންމާލަން ބޭނުން ވަނީ އޭނަގެ ފަރާތުން އަދިވެސް ގިނަ ބަޔަކަށް އެހީވެ ދިނުމަށް ފަހު ކަމަށެވެ. އަދި އެ ކުލަބަށް ސޮއި ކުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެކުލަބަށް ވެސް އިތުރު ކާމިޔާބީތަކެއް ހޯދައި ދިނުމުގެ ހެޔޮނިޔަތުގައި ކަމަށެވެ.

"ޕީއެސްޖީ އަށް އާދެވުމުން އަހަރެން މިހިރީ ވަރަށް ހިތްހަމަ ޖެހިފައި. އަހަރެންގެ މަގްޝަދަކީ އަބަދު ވެސް މީހުންނަށް އެހީވެދިނުން. އެކަން ކުރުމުގައި އަބަދުވެސް ހުންނާނަން،" އުމުރުން 37 އަަހަރުގެ ބެކަމް ބުންޏެވެ.

ފުޓްބޯޅަ ކެރިޔަރު އަދި ނިންމައިލާން ބޭނުން ނުވާ ބެކަމް ޕީއެސްޖީއާ ގުޅުމުގެ މީގެ ހަތަރު ދުވަސް ކުރީން އޭނަ ވަނީ އާސެނަލްއާ އެކު އޭނަގެ ފިޓްނަސް ރަނގަޅު ކުރުމުގެ ގޮތުން އެކުލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފަ އެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ބެކަމް ހަދައިފައިވާ ކޮންޓްރެކްޓް ނިމިގެންދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ހަމަވެ، ޕީއެސްޖީއާ އެކު އިއްޔެ ކޮންޓްރެކްޓު ހެދި އިރު، މީގެ ފަސް ދުވަސް ކުރިން ބެކަމްގެ ހަތަރު ދަރިންގެ ތެރެއިން ދޮށީ ފިރިހެން ދަރިފުޅު ބްރޫކްލީން ބެކަމް ވެސް ވަނީ ޔޫރަޕްގެ ޗެމްޕިއަން ޗެލްސީގެ ޔޫތު ޓީމާ ގުޅިފަ އެވެ.

ބެކަމް ގެލެކްސީގެ ކޮންޓްރެކްޓް ނިންމައިލީ އެ ކުލަބަށް ބޮޑު ކާމިޔާބެއް ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ. އޭނާ ވަނީ ގެލެކްސީއަށް އެމްއެލްއެސް ކަޕް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ.

ފްރާންސް ލީގުގެ އެއް ވަނަ މަގާމްގައި އޮތް ޕީއެސްޖީއަށް ބެކަމް ގެންދިޔައިރު، އެކުލަބުން ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި 200 މިލިއަން ޕައުންޑް ވަނީ އެކިގޮތް ގޮތުން ކުޅުންތެރިން ހޯދުމަށް ހޭދަ ކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބެކަމް ޕީއެސްޖީއާ ގުޅުމުގެ ކުރިން އޭނަ ގެންދަން ޗައިނާ އާއި ގަތަރުން ޝައުގުވެރިކަން ފާޅު ކުރިއިރު، އިނގިރޭސި ގައުމީ ޓީމްގެ ކުރީގެ ކޯޗު ސްވެން ގޯރާން އެރިކްސަން ދާދި ފަހުން ބުނެފައި ވަނީ ބެކަމްއަށް އަދިވެސް އެންމެ މަތީ ދަރަޖައިގައި ކުޅެވިދާނެ ކަމަށެވެ.

މިހާރު އެރިކްސަން ކޯޗުކޮށްދެމުންދާ ޔޫއޭއީގެ ދުބާއީ އަށް ނިސްބަތްވާ ކުލަބެއް ކަމަށްވާ އައްނަސްރަށް ބެކަމް ގެންނާން ބޭނުންވާ ކަމަށް ވެސް އޭނަ ބުނެފައިވެ އެވެ.

ބެކަމް މީގެ ކުރިން ވަނީ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އޭސީ މިލާން އަދި ރެއާލް މެޑްރިޑަށް ވެސް ކުޅެ، ގިނަ ކާމިޔާބީތަކެއް އެކުލަބު ތަކަށް ހޯދައިދީފަ އެވެ.