ލ. ކައްދުއާއި ގދ. ކާޑެއްދޫ އެއާޕޯޓް ޕްރަވަޓައިޒް ކުރުމުގެ ގޮތުން ބިޑަށް ހުޅުވާލުމުން އެ ދެ އެއާޕޯޓްގެ ތެރެއިން ކައްދޫ އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ އަދި ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ވިލާ އެއާ އަށް ހަވާލުކުރުމުގެ ލެޓާ އޮފް އިންޓެންޓްގައި މިއަދު ސޮއި ކުރާނެ ކަމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް ވިދާޅުވި މިއަދު ހަވީރު ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެ ދެ ކުންފުންޏާ އެކު އެދެ އެއާޕޯޓް ހަވާލުކުރުމަށް ލެޓާ އޮފް އިންޓެންޓްގައި ސޮއިކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ރަސްމިއްޔާތުގައި ސޮއިކުރާނީ އެ ދެ އެއާޕޯޓް ހިންގުމުގެ ގޮތުން ލެޓާ އޮފް އިންޓެންޓްގައި ކަމަށާއި އެއާޕޯޓް ހިނގުމުގެ ކަންތައް ކުރިއަށް ގެންދާ ގޮތްތައް ނިންމާނީ ސަރުކާރާއި އެ ކުންފުނިތަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

"މިއަދުގެ ރަސްމިއްޔާތުގައި އެ ދެ ކުންފުއްޏާ އެކު މި ސޮއި ކުރެވެނީ ބިޑްއޮފް އިވެލުއޭޝަން ނިމިގެން ލެޓާ އޮފް އިންޓެންޑްގައި. ދެން ލެޓާ އޮފް އިންޓެންޑަކަށް ފަހު އެއާޕޮޓް ހިންގުމުގެ ކަންތައްތައް ކަނޑައަޅާނީ." ސަމީ އަގީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން އެއާޕޯޓެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން އެއިގެ ތެރެއިން ކާޑެއްދޫ އަށް ވިލާ އެއާ އިން އެކަނި ކުރިމަތިލި އިރު ކައްދޫ އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަން އާއި ޕްރީމިއާ އިކުއިޓީ އިން ކުރިމަތިލި ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން، އެ އެއާޕޯޓް ތަރައްގީ ކުރި، ސިންގަޕޫރުގެ ބޮނަވިސްތާ އިން ކުރިމަތިލި ކަމަށާއި ނަމަވެސް ފަހު ވަގުތު އެ ފަރާތުގެ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ހަވީރު ވަނީ އެއެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފަ އެވެ. އެ ދަތުރުތައް ފައްޓަވައި ދެއްވަނީ ރައީސްލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ހަނިމާދޫން ޓުރެވަންޑުރަމް އަށްދާ ފުރަތަމަ ފްލައިޓް މިރޭ ފުރަން ހަމަޖެހިފައިވާ އިރު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހަނިމާދޫން ޓުރެވަންޑުރަމަށް ދިއުމުގެ ދެކޮޅު ޓިކެޓްގެ އަގަކީ 199 ޑޮލަރަށް (3068.58ރ). އެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ތިން ވަނަ ދަތުރަށް ފަހު ހަނިމާދޫން ޓުރެވަންޑުރަމްއަށް ދިއުމަށް ޓިކެޓް ނެގުމުން ޓިކެޓާ އެކު ވިސާ ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.