ރާއްޖެ އަށް ހިލަ އިމްޕޯޓް ކުރުން އިންޑިއާ އިން ވަގުތީ ގޮތުން ހުއްޓާލާފައި ވާތީ ބަންގްލަދޭޝްއާއި ސްރީލަންކާ އިން ހިލަގެނައުމަށް އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވި ރާއްޖެ އަށް ހިލަގެނައުމާ ބެހޭ ގޮތުން ބަންގްލަދޭޝް އާއި ލަންކާގެ ސަޕްލަޔަރުންނާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އިންޑިއާ އިން ގެނައި އަގުގައި ލަންކާ އިން ހިލަ ގެނެވޭނެ ކަމަށް އުންމީދު ކުރެވޭ އިރު ބަންގްލަދޭޝް އިން ހިލަ ގެންނަ އަގު ތަންކޮޅެއް ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އިންޑިއާ އިން ގެނައި އަގުގައި ލަންކާ އިން ގެނެވޭނެ ކަމަށް ބެލެވެނީ. ބަންގްލަދޭޝް އިން ގެންނަ އަގު ބެލި އިރު އެ ގައުމުން ގެންނަން ފްރައިޒު ތަންކޮޅެއް ބޮޑުވޭ. އެހެންވީމާ ކޮންމެ ބަސްތާއަކުން ހަތަރު ވަރަކަށް ރުފިޔާ ބޮޑުވޭ ބަންގްލަދޭޝް އިން ގެންނަން،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެ އަށް ހިލަ ގެނެސްފައި ވަނީ އިންޑިއާ ސަރުކާރުގެ ޚާއްސަ ކޯޓާގެ ދަށުން ނެވެ. ނަމަވެސް އިންޑިއާ އިން ގެންނަ ހިލަ (އެގްރިގޭޓް) ކޯޓާ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ސަޕްލަޔަރުންނަށް އެ ގައުމުގެ ކޮމާސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.