02 Feb 2013, 09:14
ނިޔުޔޯކް (ފެބްރުއަރީ 2): މާލީގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް އެގައުމުގެ ސަރުކާރު ސިފައިން ހިންގަމުން ގެންދާ ޢަސްކަރީ އޮޕަރޭޝަންތަކުގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި އަނިޔާތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގަމުން ގެންދާކަމުގެ ރިޕޯޓްތަކާ ގުޅިގެން ކަންބޮޑުވާކަން އދ. ން ހާމަކޮށްފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ މުސްތަޝާރު އަމާދާ ދިންގް ވިދާޅުވީ ފަރަންސޭސިވިލާތުގެމަދަދުލިބޭ މާލީގެ ސިފައިން އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ރައްތަކާއި އަވަށްތަކާއި ވިލެޖްތައް ހިފުމަށް ފަހު ހަނގުރާމަވެރިންނަށާއި އެ ސަރަހައްދުތަކުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ބަދަލު ހިފުމުގެ ރޫހެއްގައި ޤަތްލުއާންމުތައް ހިންގާކަމުގެ މައްލޫމާތު ލިބެމުންދާ ކަމުގަ އެވެ. މިގޮތުން މާލީގައި ދިރިއުޅޭ ބައިމަދު ތަވާރިޤް ނަސްލު މީހުންނާއި ޢަރަބި ނަސްލުގެ ޤަބީލާތަކުގެ ނަސްލު ނައްތާލުމުގެ ޤަތްލު އާންމުތަކެއް ހިންގާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އދ.ގެ މަސްއޫލުވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ މާލީ ސިފައިންނަށް އެންމެ ބޮޑަށް ޢަސްކަރީ އެހީތެރިކަމާއި މަދަދުދޭ ހުޅަނގުގެ ގައުމުކަމަށްވާ ފަރަންސޭސިވިލާތުގެ ރައީސް ފްރާންސްވާ އޮލާންޑް މިއަދު މާލީ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން ފަރަންސޭސި ސިފައިން ވެސް ވަނީ މާލީގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުން އަތުލެވޭ ރައްތަކާއި ވިލެޖްތަކުގެ ތެރެއިން ބައެއް ވިލެޖްތަކާއި ރައްތަކުގައި އަލިފާންޖަހައި އަންދާލުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގާފަ އެވެ. އަދި ފަރަންސޭސި ސިފައިންގެ މަދަދާ އެކު މާލީ ސިފައިން، އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނަށް ތާއީދުކުރާ އާންމުން ހިފައިހައްޔަރުކޮށް ދަންޖައްސައި މެރުމަށް ފަހު އެމީހުންގެ ހަށިތައް އަންދާލާފައިވާ ކަމުގެ ރިޕޯޓްތަކެއްވެސްވަނީ ފެންމަތިވެފަ އެވެ.
މާލީގެ އިދިކޮޅު ހަނގުރާމަވެރިންނަކީ އަލްޤާއިދާއަށް ނިސްބަތްވާ ހަރުކަށި ޚިޔާލުގެ ބައެއްކަމަށް ހުޅަނގުން ބުނެ އެވެ. އެމީހުން މާލީގެ ސަރުކާރު ވައްޓާލާފާނެ ކަމުގެ ބިރަށް ފަރަންސޭސި ސިފައިން މާލީ އަށް ވަދެގެންފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. (އަލްޖަޒީރާ)