ވޮޝިންޓަން (ފެބްރުއަރީ 2): އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުން ހިލަރީ ކްލިންޓަން އިސްތިއުފާ ދެއްވުމަށް ފަހު އެވުޒާރާގެ މުވައްޒަފުންނަށް އަލްވަދާޢު ވިދާޅުވެ ޚާރިޖީ ވުޒާރާގެ ޢިމާރާތުން ރަސްމީކޮށް އިއްޔެ ނުކުމެވަޑައިގެންފި އެވެ.

އުމުރުފުޅުން 65 އަހަރުގެ ހިލަރީއަށް އަލްވަދާޢު ދެންނެވުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގައި އިއްޔެ ބޭއްވި ކުޑަ ޙަފްލާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެކީގައި ހަތަރު އަހަރު އުޅުނު މުވައްޒަފުންނާ ވަކިވެވަޑައިގަންނަވަން ޖެހުމުން ވަރަށް ބޮޑަށް ދެރަފުޅުވާ ކަމަށާއި ނަމަވެސް މުވައްޒަފުންނާ އަދި ބައްދަލުވާނެ ކަމަށް އުންމީދު ކުރައްވާކަމުގަ އެވެ. "ވަކިވުމަކީ ހިތާމައެއް، އެކީގައި އުޅުމަކީ އުފަލެއް" ހިލަރީ ވިދާޅުވި އެވެ. ހިލަރީ ވަނީ އޭނާ އަށް މުވައްޒަފުންގެ ފަރާތުންލިބިވަޑައިގެންނެވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. ހިލަރީ އަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވަޑައިގަންނަވާ ޖޯން ކެރީއަށް އިޝާރާތް ކުރައްވަމުން ހިލަރީ ވިދާޅުވީ އޭނާ އަށް ފަހު އެމެރިކާގެ ޚާރިޖީ ވުޒާރާއާ ޙަވާލުވެޑައިގަންނަ ވަނީ ހިންގުންތެރި އަމާނާތްތެރި އަދި މުވައްޒަފުންނަށް ހެޔޮ ބޭފުޅެއް ކަމުގަ އެވެ.

ހިލަރީގެ ޚާރިޖީ ވަޒީރުކަމުގައި ކުރެއްވި މަސައްކަތްޕުޅުތައް ދިފާޢުކުރައްވަމުން އޭނާ ވިދާޅުވީ އޭނާގެ ޚާރިޖީ ވަޒީރުކަމުގައި އެމެރިކާ ދާޚިލީ ސަފުތައް ކުރިއަށް ވުރެ ވަރުގަދަވެ ޚާރިޖީ ގޮތުން ދުނިޔޭގައި ކުރިޔަށް ވުރެ ބޮޑު އިތުބާރަކާއި އިޙްތިރާމެއް އެމެރިކާ އަށް ލިބިގެންގޮސްފައިވާނެ ކަމުގަ އެވެ. އަދި ޚާރިޖި ވަޒީރުކަމުގައި ހުންނެވި ހަތަރު އަހަރު ތެރޭގައި ދުނިޔޭގެ 112 ގައުމަކަށް ވަޑައިގެން ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށާއި މިކަމަށް ޓަކައި 1.6 މިލިޔަން ކިލޯމީޓަރު ގެ ރާސްތާގެ ދަތުރުފުޅުތަކެއް ކުރައްވާފައިވާނެ ކަމުގަ އެވެ.

އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ބިލްކްލިންޓަންގެ އަނބިކަނބަލުން، ހިލަރީ ރޮދަމް ކްލިންޓަން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1947 ގައި އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިލިނޮއިގެ ރަށެއް ކަމަށްވާ ޝިކާގޯ އަށެވެ. ހިލަރީގެ ބައްޕައާއި މަންމައަކީ މެދުފަންތީގެ ޢާއިލާއެކެވެ. ހިލަރީ މަތީތަޢްލީމް ޙާސިލްކުރައްވާފައި ވަނީ ޤާނޫނީ ދާއިރާއިންނެވެ. ހިލަރީ އަކީ ކިޔަވާވިދާޅުވި ދުވަސްވަރު ވެސް ސިޔާސީ ކަންކަމަށް ޝައުޤުވެރިކަން ހުންނެވި ބޭފުޅެކެވެ. އޭނާ ސެނެޓްގެ ނިޔުޔޯކްގެ ދާއިރާ އަށް ކުރިމަތިލައްވަންގެން ސެނެޓްގެ މެންބަރަކަށް އިންތިޚާބުވެވަޑައިގެންނެވީ 2000 ވަނަ އަހަރު އެވެ. ދެ ހާސް އަށެއްގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ބަރަކް އޮބާމާއާ ވާދަކުރައްވައިގެން ބަލިވެވަޑައިގެންނެވި އެވެ. ޚާރިޖީ ވަޒީރުކަމަށް ހިލަރީ ޢައްޔަން ކުރެވުނީ 2009 ވަނަ އަހަރުގެ ޖަނަވަރީ 21 ގަ އެވެ. މިދިޔަ ޑިސެމްބަރު މަހު ހިލަރީއަށް ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުން އޭނާގެ ސިއްޙީ ޙާލުކޮޅު ދަށަށް ދިޔުމުން އޭނާގެ ސިޔާސީ މުސަތްޤްބަލާމެދު އެތައް ސުވާލުތަކެއް އުފެދިފައިވެ އެވެ.

ހިލަރީއަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަންނަވާ ޖޯން ކެރީއަކީ ސެނެޓްގެ މެންބަރެކެވެ. ނަމަވެސް އޭނާ މިމަގާމުން އިސްތިއުފާދެއްވާނެ އެވެ. ކެރީގެ އުމުރުފުޅަކީ 69 އަހަރެވެ. ތައްލީމް ހާސިލް ކުރައްވާފައި ވަނީ ޤާނޫނީ ދާއިރާއިންނެވެ. ގްރޭޖްއޭޓްވެވަޑައިގެންފައި ވަނީ 1966ގައި އެމެރިކާގެ ޔީލް ޔުނިވަރސިޓީންނެވެ. ކެރީ ވަނީ 2008ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ކުރީގެ ހަރުކަށި ޚިޔާލުގެ ރައީސެއް ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްއާ ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)