"ގެވެށި އަނިޔާ" ނުވަތަ ޑޮމެސްޓިކް ވަޔަލެންސް ހުއްޓުވުމާ ބެހޭ ބިލަށް ހިޔާލު ހުށަހެޅުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން މައްސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.


އެމްޑީއެންގެ ޕާލަމަންޓް ވޮޗް ކޯޑިނޭޓާ ނަޝީތް ތޯހާ މިއަދު ވިދާޅުވީ، އެ ބިލާ ގުޅޭގޮ ތުން އެ ޖަމިއްޔާ އިން މަޝްވަރާކޮށް ހިޔާލު ހޯދަން ބާއްވާ މަސައްކަތު ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން މިއަދު އެ ޖަމިއްޔާގެ ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ބާއްވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.


ނަޝީތް ވިދާޅުވީ މި ބިލާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވާނީ، އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތައް ކަމަށާއި ބިލުގައި ބުނާ ގެވެށި އަނިޔާ ނުވަތަ "ޑޮމެސްޓިން ވަޔަލަންސް" އަކީ ދެމަފިރިންގެ މެދުގައި، ނުވަތަ އެއް ގޭބިސީއެއްގައި ދިރިއުޅޭ ދެ މީހެއްގެ ދެމެދުގައި ހިންގާ އަނިޔާތައް ކަމަށެވެ.


"ގެވެށި އަނިޔާ" ހުއްޓުވުމުގެ ބިލަކީ އޯގަސްޓް 29 ، 2010 ގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒޮއިނާ އާދަމް ހުށަހަޅުއްވާފައިވާ ބިލެކެވެ.


ސަންއެފްއެމް އޮންލައިންއަށް މައުލޫމާތު ދެއްވަމުން، ނަޝީތު ވިދާޅުވީ މި ބިލުގެ އިތުރުން ޤާނޫނުލް އުގޫބާތުގެ ބިލު މަޖިލީހުގައި ލަސްވަމުން ދާތީ އެ މަސައްކަތް އަވަސް ކުރުން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ވެސް އެމްޑީއެން ގެ ފަރާތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.


"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މަޖިލީހުން އެ ބިލުގެ މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލުވޭތޯ. އެ ބިލުގެ މަސައްކަތްތައް ދަނީ ލަސްވަމުން،"


"އެމްޑީއެން ޕާލިމަންޓް ވޮޗް ޕްރޮޖެކްޓް"ގެ ފަރާތުން މީގެ ކުރިން ވެސް ވަނީ މަޖިލީހުގައި ބަހުސްކުރެވޭ ބައެއް ބިލުތަކަށް ހިޔާލު ދީފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ބިލާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މާނަކުރުމުގެ ބިލާއި މަސްތުވާތަކެއްޗާއި ބެހޭ ބިލު ހިމެނެ އެވެ.