01 Feb 2013, 23:31
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މި ރާއްޖެއަކު ތާއީދެއް ނެތް ކަމަށާއި އެ ދެ ބޭފުޅުންނަށް ވޯޓް ދޭނެ ރައްޔިތަކު ރާއްޖޭގައި ނޫޅޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައީސް ވަހީދާއި ރައީސް މައުމޫން ރާއްޖޭގެ ރައްޔިތުންގެ ތާއީދު އެ ދެ ބޭފުޅުންނަށް އޮތް ކަމަށް ދެކެވަޑައި ގަތުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ތާއީދު އެ ދެ ބޭފުޅުންނަށް އޮތް ކަމަށް ދެކެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ ވަގުތު ބޭކާރު ކޮށްލެއްވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ސިޔާސީ ލީޑަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކަ އެއް އެބައޮތް. އަޅުގަނޑުމެންގެ ރާއްޖެއަކު މޮޔައިންނެއް ނޫޅޭ. އަޅުގަނޑު ދަންނަން މި ރާއްޖޭގެ ވަރަށް ގިނަ މީހުން. ސިޔާސީ ބައެއް ލީޑަރުންނަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައްދަލު ކުރެވިފައި ނުވެދާނެ އެކަމަކު އަޅުގަނޑަށް ވަނީ ރާއްޖޭގެ އަގްލަބިއްޔަތު ރައްޔިތުންނާ ބައްދަލު ކުރެވިފަ. އެހެންވީމަ އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ރާއްޖެއަކު މޮޔައިންނެއް ނޫޅޭކަން. އެހެން ވީމަ މިއަދު އަލުން އަނބުރާ އައިސް މިތަނުގާ ކުރިން ހަދާފަ ހުރި ތަނެއްގާ ދަވާދު ކޮޅެއް ލާފާ ތިމަންނާގެ ފޮޓޯއެއް ހަރުކުރިޔަސް އެއީ ތިމަންނާގެ ތަނެއް ކަމަށް ބުންޏަސް އެއީ އެ ބޭފުޅެއްގެ ތަނެއް ކަމަށް ބުންޏަސް ރައްޔިތުންނެއް ނުދެކޭނެ. ކައިރީގައި ތިބެގެން އަތް ވެސް ޖަހާފާނެ. ޒިންދާބާދު ވެސް ކިޔާފާނެ. ރައްޔިތުންގެ ހިތުގައިވާ އެއްޗެއް އެނގޭހެން ހީވެދާނެ. ރައީސް ވަހީދު ވެސް އަދި ރައީސް މައުމޫން ވެސް ވަރަށް ބޮޑަށް ހީކުރައްވާ ރާއްޖޭގެ ރައްޔިތުން ވޯޓް ދެއްވާ ފާނެ ކަމަށް. އަޅުގަނޑު އަޖައިބު އަންތަރީސްވާ ވަރު ކަމެއް އެއީ. ދެން ހަމަ އެކަމާ ނިކުމެވަޑައިގެން ގަދައަޅާ ބާރަށް އެބަ އުޅުއްވާ. އަޅުގަނޑުގެ އިލްތިމާސަކީ ވަގުތު ބޭކާރު ނުކުރައްވާށޭ. " ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން ޖެހޭ ކަމަށާއި އެހެން ނޫން ކަމަށް ވާނަމަ ރިޔާސީ އިންތިހާބުގެ ކަމެއް ވެސް އަދި އެހެން ކަންތައް ވެސް ރަނގަޅަކަށް ނުދާނެ ކަމަށެވެ. އެހެން ކަމުން ވީހާ ވެސް އަވަހަކަށް ރައީސް ވަހީދު އިސްތިއުފާ ދެއްވައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ވެރިކަން ހަވާލު ކުރެއްވުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި އެކަމާ މެދު ކުޑަ ވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އާބާދީގެ އަގްލަބިއްޔަތު ތާއީދު ކުރަނީ އެމަނިކުފާނަށާއި އެމްޑީޕީއަށް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރެއްވީ ބަގާވާތަކުން ކަމަށާއި އެހެން ކަމުން އެކަމުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް ވަރަށް ގިނަގުނަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އޭގެ ހެތްކެއް ކަމަށް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީ އަށްޓަކައި ހިންގާން ފަށާފައިވާ ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓިފައިވުން ކަމަށާއި އެކަމުގެ ސަބަބުން އައްޑޫގެ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްގީ 10 އަހަރު ފަހަތަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.