ކަސްޓަމްސް އިމާރާތުގެ މަތީ ބުރީގެ ބަދިގެއެއްގައި ކުޑަ ވަރެއްގެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެ ހާދިސާފައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ ވިދާޅުވީ މިރޭ ހިނގި އެ ހާދިސާއަކީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކަސްޓަމްސް އިމާރާތުގެ ބަދިގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެމްޑީއެ ފަށް ލިބިގެން ސިފައިން އެތަނަށް ގޮސް ބެލި އިރު އެއީ ގޭސް އުނދުން ހުރި މޭޒެއްގެ ކަނުގައި ހިނގި ކުޑަކުޑަ ވަރެއްގެ އަލިފާނުގެ ހާދިސާއެއް ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި ސިފައިންގެ ޓީމް އެ ތަނަށް ދާންވާ އިރަށް އެ ތަނުގައި ރޯވި އަލިފާން ކަސްޓަމްސްގެ މުވައްޒަފުން ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އޭނާ ވިދާޅެއް ނުވެ އެވެ.